ބޮލީވުޑް

ޔާޝްރާޖްގެ އާ ފިލްމު ވިކީ ކޯޝަލްއަށް

ވިކީ ކޯޝަލްގެ ހުނަރުވެރި ކަމުން އޭނާ ވަނީ ވަރަށް ކުރު މުއްދަތެއްގައި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ހައިރާން ކޮށްލާފަ އެވެ. އަދި މިހާރު ކޮންމެ މީހަކު ވެސް ފިލްމެއް ފަށަން ގަސްތު ކުރާއިރު އެ ފިލްމެއްގެ ބަތަލުގެ ރޯލަށް ހަމަޖައްސަން ބޭނުންވަނީ ވިކީ އެވެ. އެއީ ހުނަރުގެ އިތުރުން ވިކީގެ ކާމިޔާބީގެ ރެކޯޑް ވެސް ރަނގަޅު ވިމަ އެވެ.

"ރާޒީ"، "ސަންޖޫ"، "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަދި "މަންމަރްޒިޔާން" އަކީ ވަރަށް ކާމިޔާބު ފިލްމުތަކުގެ އިތުރުން ވިކީގެ ވިދުން ވަރަށް ގަދަ ފިލްމުތަކެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޔާޝްރާޖް ފިލްމްސް އިން މިހާރު ފަށަން އުޅޭ ޕްރޮޖެކްޓްވެސް ވިކީ އަށް ވަނީ ލިބިފަ އެވެ. މިއީ މި ޕްރޮޑަކްޝަން ހައުސްގެ ފިލްމެއް ވިކީ ކުޅޭ ފުރަތަމަ ފަހަރެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ ވިކީގެ ފަހުގެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރޯލުތަކާ މެދު ޔާޝްރާޖް ފިލްމްސްގެ ހެޑް އަދިތުޔާ ޗޯޕްޅާ ވަރަށް ހިތްހަމަޖެހެ އެވެ. އަދި ވިކީ އަކީ މުސްތަގްބަލުގައި ވަރަށް ކުރިއަރައިގެން ދާނެ އެކްޓަރެއް ކަމަށް އަދިތުޔާ ގަބޫލު ކުރެ އެވެ. އެހެންވެ އަދިތުޔާ މިހާރު އުފައްދަން ތައްޔާރުވާ ކޮމެޑީ ފިލްމެއް ވިކީ އަށް ދޭން ނިންމީ އެވެ.

މިހާރު ވިކީ އަށް މި ފިލްމު ހުށަހަޅައި އޭނާ ފިލްމު ކުޅެދޭން ވަނީ އެއްބަސްވެފަ އެވެ. މީގެ ކުރިން ކޮމެޑީ ރޯލެއް ވިކީ ކުޅެފައި ނުވާތީ އޭނާވެސް ހުރީ ކޮމެޑީ ފިލްމެއް ކުޅެލާހިތުންނެވެ. އެހެންވެ މި ފިލްމު ކުޅުމުގެ ފުރުސަތު ލިބުމުން އަވަހަށް ގަބޫލު ކުރީ އެވެ.