ދިރާގު

ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް މާވަށަށް

ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ލ. މާވަށަށް ތައާރަފު ކޮށްފި އެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތް މާވަށުގައި ރަސްމީކޮށް ތައާރަފު ކުރީ މިއަދު އެވެ.

މާވަށުގައި ތައާރަފު ކުރި ދިރާގު ޓީވީއަށް ދާދި ފަހުން ދިވެހިންގެ މެދުގައި މަގުބޫލު އެއް ނެޓްވޯކް ކަމަށްވާ "ސްޓާ" ނެޓްވޯކްގެ ޗެނަލްތައް ވަނީ ތައާރަފުކޮށްފަ އެވެ. ދިރާގުން ބުނީ ހުރިހާ ޗެނަލަކާއި އޮން ޑިމާންޑްގެ ކޮންޓެންޓްތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއް ނެތި އެ ރަށަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އަމާޒަކީ ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓް ފޯރު ކޮށްދިނުން ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނޭ އިރު ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން، ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖު ވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް މެދުވެރިކޮށްދެ އެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ކަމަށް އެ ކުންފުނިން ބުނެ އެވެ. މިހާރު ރާއްޖޭގެ ގޭބިސީތަކުގެ 75 ޕަސެންޓަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި 60 ރަށް ހިމެނެ އެވެ.