ދީން

ކީރިތި ޤުރުއާން ޖަމްޢު ކުރުން

Jan 9, 2015

(ތިން ވަނަ ބައި)

ޢުޘްމާންގެފާނުންގެ ވެރިކަމުގައިވެސް އިސްލާމީ ދިދައިގެ ދަށަށް ބޮޑެތި ޤައުމުތަށް ދިޔައީ ފަޠަޙަވަމުންނެވެ. އެގޮތުން އަޒަރްބައިޖާންގައި ކުރެވުނު ހަނގުރާމައެއްގައި ސީރިޔާ ނުވަތަ ޝާމްކަރައިގެ ލަޝްކަރާއި ޢިރާޤްކަރައިގެ ލަޝްކަރު ބައްދަލުވިއެވެ. އަދި މި ދެބައިމީހުން ކީރިތި ޤުރުއާން ކިޔަވަމުން ގެންދިޔައީ އެކިއެކި ލެހެޖާތަކަށެވެ. މި ގޮތުން ޝާމްގެ ބޭކަލުން ވިދާޅުވަމުން ގެންދެވީ އުބައްޔު ބުނު ކަޢްބުގެ ޤިރާއަތަށެވެ. އަދި ޢީރާޤްގެ ބޭކަލުން ވިދާޅުވަމުން ގެންދެވީ ޢަބްދުﷲ ބުނު މަސްޢޫދުގެ ޤިރާއަތަށެވެ. މިހެންކަމުން އެބައިމީހުންގެ ތެރޭގައި އަރައިރުން ބޮޑުވެ އަދި އެއްބަޔަކު އަނެއްބަޔަކު ކިޔަވަނީ ގޯސްކޮށް ކަމަށާއި އަދި ތިމާމެން މި ކިޔަވަނީ ޞައްޙަކޮށް ކަމަށް ބުނެ ދަޢްވާ އުފުލިއެވެ. މިތަން ޚުޛައިފާ ބިން އަލްޔަމާންއަށް ފެނިވަޑައިގެން އަވަހަށް ދަތުރުކުރައްވާ ޢުޘްމާންގެފާނުންގެ ގެ ގަނޑުވަރަށް ވަޑައިގަތެވެ. އަދި ޚަލީފާއަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންއެވެ ނަޞާރާއިންނާއި ޔަހޫދީން އެމީހުންގެ ފޮތާ ހެދި އިޚްތިލާފްވެ ހަލާކުވީފަދައިން މުޅި އިސްލާމީ އުއްމަތް ހަލާކުވެގެން ނުދަނީސް އަވަހަށް ޤުރުއާނުގެ ކޮޕީތަކެއް ލިޔުއްވަވާ އިސްލާމީ ކޮންމެ ޝަހަރަކަށް ބައްސަވާށެވެ. (يا أميرالمؤمنين أدرك هذه الأمة قبل أن يختلفوا في الكتاب اختلاف اليهود والنصار)

ޢުޘްމާންގެފާނުން މި ސަބަބަށްޓަކައި އަބޫބަކުރުއް ޞިއްދީޤްގެ ޒަމާނުގައި ޖަމްޢުކުރައްވާފައިވާ މުޞްޙަފްބަލައި ޙަފްޞާގެފާނުންގެ އަރިހަށް ފޮނުއްވިއެވެ. އަދި އެ މުޞްޙަފް ގެންނެވުމަށްފަހު زيد بن ثابت وعبد الله بن الزبيروسعيد بن العاص وعبد الرحمن بن الحارث بن هشام ބަލާފޮނުއްވަވާ ގެންނެވުމަށްފަހު އަބޫބަކުރުގެފާނުންގެ ޒަމާނުގައި ޖަމަޢަކުރެވިފައި އޮތް މުޞްޙަފް ބައްލަވައިގެން ނަސްޙުކުރެއްވުމަށް އަމުރުފުޅު ކުރެއްވިއެވެ. އަދި އެންގެވިއެވެ. ތިޔަބޭފުޅުންގެ ތެރޭގައި ކަލިމައެއްގެ ޚިލާފް އުފެދިއްޖެނަމަ އެ ކަލިމައެއް ޤުރައިޝުންގެ ބަހުން ކިޔާގޮތަށް ލިޔާށެވެ. އެހެނީ ކީރިތި ޤުރުއާން ބާއްވާލެއްވުނީ އެބަހުންނެވެ.

ޤުރުއާން ޖަމްޢުކުރެވިގެން މިއަދާހަމައަށްވެސް އަންނަނީ ތަފާތު އެކިއެކި ޤައުމުތަކުގައި ލިޔެވި ޗާރޕު ކުރަމުންނެވެ. އަދި އަދާހަމަޔަށްވެސް އެ ޤުރުއާނުގައި އެއްވެސް ތަފާތެއްވާކަމަކަށް އިސްލާމް ދީނުގެ އެއްވެސް ދުޝްމިނަކަށް ހޯދިފައެއް ނުވެއެވެ. އެމެރިކާގެ ކޮލަމްބިޔާ ޔުނިވަރސިޓިގައި ބޭއްވިފައި އޮތް 1000 އަހަރުވީ މުޞްޙަފް އެމީހުން ދިރާސާކުރުމަށްފަހު ވަނީ މި ޤުރުއާނުގެ އެއިރުގެ ކޮޕީ އާއި މިހާރުގެ ކޮޕީ އާއި އެއްވެސް ތަފާތެއް ނުވާކަމަށް ނުރުހުމުގައި ނަމަވެސް ހެކިވެފައެވެ. އަދި ޖަރުމަންވިލާތުގެ މިޔުނިކް ޔުނިވަރސިޓިގައި ހުންނަ ކޮރަންފޯރޝަންގް އިންސްޓިޓިއުޓްއިން (Institute for Koranforschung,) ވަނީ އެންމެ އިހު ޒަމާނުގައި ލިޔެވިފައިވާ ކީރިތި ޤުރުއާނުގެ 42000 ކޮޕީއެއްކޮށް 50 އަހަރަށްވުރެ ދިގު ދިރާސާއެއްކޮށްފައެވެ. އަދި އެ ދިރާސާއަށްފަހު އެ އިންސްޓިޓިއުޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ތިމަންމެން ބެލި ބެލުމުން މި ޤުރުއާނުގައި އެއްވެސް ތަފާތެއްވާކަމަކަށް ފާހަގައެއް ނުކުރެވުނެވެ. އަދި މި ޤުރުއާނާއި އެންމެ އިހު ޒަމާނުގައި ނަސްޚުކުރެވިފައިވާ ޤުރުއާނާއިވެސް އެއްވެސް ތަފާތެއް ނުވެއެވެ. ކުށަކަށް ފެނިފައި ވަނީ ބަޔެއް ފަހަރު ލިޔާ މީހުންނަށް ލިޔުމުގައި ޖެހިފައިވާ ކުށެވެ. އެ ނޫން ކުށެއް ފެނިފައި ނުވެއެވެ. އެހެންނަމަވެސް ހިތާމަޔަކީ އެ މުއައްސަސާއިން އެއްކުރި ކޮޕީތަކާއި އެކު އެތަން ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން އެތަނަށް ބޮން އެޅުމުން މުޅިން ހަލާކުވެ ނެތިގޮސްފައިވާ ކަމެވެ.