ހަބަރު

އާއްމު ހިދުމަތް ފޯރުކޮށްދޭން ޝަތުރުކޮށް ފަޅުރަށް ނުދޭން އެދިއްޖެ

Jul 23, 2020

ރައްޔިތުންނަށް އާއްމު ހިދުމަތް ފޯރުކޮށްދޭން ޝަރުތުކޮށް، ހިދުމަތް ދޭ ކުންފުނިތަކަށް ފަޅުރަށްތައް ދޫކުރުން ހުއްޓާލަން އޮޑިޓަ ޖެނެރަލް އެދިވަޑައިގެންފި އެވެ.

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި، ދީބާޖާ ކުންފުނީގެ އެއްބަސްވުމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ ހަސަން ޒިޔަތު ނެރުއްވާފައިވާ ހާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ ރައްޔިތުންނަށް އާއްމު ހިދުމަތްތައް ދޭން ޝަރުތުކޮށް ރަށްތައް ދޫ ކުރުމަށް ފަހު ރިސޯޓު، ހޮޓާ ފަދަ ތަންތަން ތަރައްގީކޮށް، އެ ފަރާތުން އާއްމު ހިދުމަތް ހުއްޓާލުމުން ހިދުމަތް ހޯދާ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެހެން ވުމުން ދައުލަތަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އާއްމު ހިދުމަތް ދޭން ޝަތުރުކޮށް ގިނަ ރަށްތައް ރައީސް މުހައްމަދު ނަޝީދުވެ ވެރިކަމުގައި ދޫކުރި އެވެ. ނަމަވެސް ދާއިމީ ގޮތެއްގައި ރައްޔިތުންނަށް އެއްވެސް ކުންފުންޏަކުން އާއްމު ހިދުމަތް ދެމުންނެއް ނުދެ އެވެ. މިފަދަ އެއް މައްސަލައަކީ އިދާބާ އިންވެސްޓްމަންޓް މައްސަލަ އެވެ.

ދީބާޖާ ކުންފުންޏަށް އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދޭން ހަވާލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެބްރުއަރީ 1، 2010 ގަ އެވެ. އަދި މި ހިދުމަތް ފޯރުކޮށްދޭން ލާޒިމްކޮށް ރ. ކުޑަކުރަތު ދޫކުރުމަށްފަހު އެވެ. ނަމަވެސް މި އެއްބަސްވުމަށް އަމަލު ކުރަމުންނުދާ ކަމަށް ބުނެ، އެބަސްވުން އުވާލީ ރައީސް ޔާމީންގެ ވެރިިކަމުގަ އެވެ.

މި އެގްރިމަންޓް ބާތިލު ކުރި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ދައުލަތުން 374 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމް ވަނީ ސްޕްރީމް ކޯޓުން ދަމަހައްޓާފަ އެވެ. މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އަދި ފަހުން ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގައި އެ ހުކުމް ރިވިއު ކުރަން ވެސް ހުށަހަޅާފަ އެވެ.

އޮޑިޓަ ޖެނެރެލް ދިބާޖާ މައްސަލާގައި ނެރުއްވި ހާއްސަ އޮޑިޓުގައި ބުނީ އެއްބަސްވުން ބާތިލް ކުރީ ދީބާޖާ އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ މި އެއްބަސްވުން ބާތިލު ކުރުމުގެ ހައްގު ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އެހެންވެ ބަދަލުގައި ފައިސާ ނުދޭން އޮޑިޓާ ޖެނަރަލް ލަފާ ދެއްވާފައިވެ އެވެ.