މޯލްޑިވްސް ޕޮލިސް ސާވިސް

ރިޕޯޓްތައް ހާމަކުރުމުން އިންސާފަށް ހުރަސްއެޅުނު

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ޑްރާފްޓް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އާންމުވުމަކީ އިންސާފު ލިބުމަށް އެޅުނު ހުރަހެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަމުން ދަނީ ފުލުހުން އެ ކަމުގައި އިހުމާލު ވަމުން ދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައްސަލަތަކުގައި މިހާރު ކުރަން އޮތް ކަމަކީ ދައުވާ ކުރުން ކަމަށާއި ނަމަވެސް ފުލުސް އޮފީހުން މިހާތަނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަޕްގެ އޮފީހަށް ފޮނުވާފައި ނުވާ ކަމަށެވެ. އިންސާފު ނުލިބި ލަސްވީ އެހެންވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތާމަ އާއެކީގައި ދަންނަވާލަން ޖެހޭނީ މި ދައުވާތައް ކުރެވިފައި ނެތީ ފުލުސް އޮފީހުގެ އިހުމާލުން. އަޅުގަނޑަށް ވަރަށް އުނދަގޫ ވަރިހަމަ ކޮށްގެން އިންނަން. އަޅުގަނޑު އަނެއްކާ ވެސް އެދެނީ މަރުތަކުގެ މައްސަލަތައް ނިންމާ ދެއްވާށޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ކޮންމެ ބޭފުޅަކު ވިދާޅުވި ނަމަވެސް މަރުތަކަށް އިންސާފު ނުލިބި ލަސްވަނީ ފުލުހުންގެ ސަބަބުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ރިޔާސީ ދެ ކޮމިޝަނަށްވެސް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން، ކޮންމެ ބޭފުޅެއް ނަމަވެސް އެ ފާހަގަކުރައްވާ... ޕޮލިސް ސާވިސް އަކުން ނެތް ކޮމިޝަންތަކުގެ ތަހުގީގަށް އެއްބާރުލުމެއް ނުދޭ. އަޅުގަނޑު ގަބޫލެއް ނުކުރަން އެ ވާހަކައެއް. އެއީ އަޅުގަނޑަށް އެނގޭ އެ ކޮމިޝަންތަކުން އަންނަ މެމޯތަކަށް ކޭޓާކުރާ ސްޕީޑް އަދި ކޭޓާކުރާ މިންވަރު،"

ސީޕީ ވިދާޅުވީ ކޮންމެ ކޮމިޝަނަކުން އެދުނު ނަމަވެސް މިހާރުވެސް ފޮރެންސިކް ތަހުލީލުތައް ކޮށްދިނުން ފަދަ ކޮންމެ ކަމެއްވެސް ކުރަމުން ގެންދަނީ ފުލުހުން ކަމަށެވެ.

ސީޕީ ވަނީ ރިޔާސީ ކޮމިޝަނުން އެކުލަވާލި ފުރަތަމަ ޑްރާފްޓް ރިޕޯޓްގެ ހުލާސާ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ މަޖިލީހުން އެ ރިޕޯޓް އާންމުކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ރިޕޯޓް މަޖިލީހުގެ އިދާރާއަށް ލިބުމާއެކު ރައީސް ނަޝީދު ވަނީ ޕާޓީތަކުގެ ލީޑަރުންނަށް އެ ރިޕޯޓް އަރުވާފައެވެ. އަދި މަޖިލީހުގެ ޖަލްސާތަކުގައި އެ ރިޕޯޓްގެ އެކި ބައިތައް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އަދި ރިޕޯޓްގައި ފާހަގަކޮށްފައިވާ އެތައް ބޭފުޅުންނެއްގެ ނަންތައްވެސް ހާމަކުރެއްވިއެވެ.

"އަޅުގަނޑު ޑިސެޕޮއިންޓްވި ކަމެއް އެއީ ތަހުގީގުތަކުގެ ފުރިހަމަ ރިޕޯޓް ނުނެރެވި އޮއްވާ ތަހުގީގުގެ ބައިބައި ހިމެނިގެން ރިޕޯޓް ޑްރާފްޓްފޯމްގައި ޕަބްލިކް ޑޮމެއިންއަށް އައުން. އަޅުގަނޑުމެން މި ތަހުގީގުތައް ހިންގަންޖެހޭނީ ވަކި ކަހަލަ ފައިދާތަކެއް ހޯދާކަށް ނޫން،" މަޖިލީހުން ޑްރާފްޓް ރިޕޯޓް އާންމުކުރި ކުރުމަށް އިޝާރާތް ކުރައްވާ ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެކަމުގެ ސަބަބުން އިންސާފު ހޯދާދިނުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި ޑްރާފްޓް ރިޕޯޓްގައި ހިމަނާފައިވާ ހެކިބަސް ދިން މީހުންނާއި ތުހުމަތު ކުރެވޭ މީހުންގެ ނަންތައް ހާމަވުމަކީ އިންސާފަށް ވާސިލްވުމަށް އެޅުނު ހުރަހެއް ކަމަށެވެ.

ހަމީދު ވިދާޅުވީ އުންމީދަކީ މަރުތަކާއި ގުޅިގެން ހިންގަމުންދާ ތަހުގީގުތައް ފުރިހަމަވެ އިންސާފު ލިބުން ކަމަށެވެ.

"އަޑީ ދައުލަތެއް" ނެތް

ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ ބޮޑެތި ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގުތައް އަނބުރާލަމުންދާ ކަމަށާއި އެ ތަހުގީގުތައް އަނބުރާލަމުން ދަނީ "އަޑީ ދައުލަތުން" ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުންވެސް ރޭގެ ޕްރަގްރާމްގައި ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ވިދާޅުވީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް އެބައޮތް ކަމަށާ އެެހެން ބަޔަކަށް ދައުލަތުގެ މައްޗަށް ބޮޑެތި ބާރުތަކެއް ފޯރުވޭނެ ހާލަތެއް ނެތް ކަމަށެވެ.

"ދައުލަތް ހިންގުމުގެ މައްޗަށް ތި ވަރުގެ ބާރެއް ފޯރުވޭފަދަ ހާލަތެއްގައެއް ނޫން ދިވެހި ދައުލަތް މިވަގުތު މި އޮތީއެއް،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިދިޔަ ދޮޅު އަހަރަކީ ހަރުކަށި ފިކުރާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރެވުނު ދުވަސްތައް ކަމަށާ އެ ނުރައްކާ ނައްތާލުމަށް ދައުލަތުން ފަށާފައިވާ މަސައްކަތަށް ހުއްްޓުމެއް ނެތް ކަމަށެވެ.

ހަރުކަށި ވެގެން މީހުންގެ ފުރާނަ ނަގާލާފައިވުމާއި ދީނާ ދެކޮޅު އެތައް ހަރަކާތްތަކެއް މިދިޔަ އަހަރުތަކުގައި ހިންގާފައިވާ ކަމަށާ އެކަންކަމާ ދެކޮޅަށް މިހާ ފާޅުގައި ދައުލަތުން މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރު ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ޖޫން މަހުގެ ނުވަވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ފުލުހުންގެ ތެރޭގައި އެ ތަހުގީގަށް ހުރަސް އަޅާ ބަޔަކު ތިބި ކަމަށް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ ވައްކަމުގެ ތަހުގީގު މި ދަނީ ބަލަމުން، މި ދިމާވާ އެއް ކަމަކަށް މި ވަނީ ފުލުސް އޮފީހުގައި އެބަ ތިބި މި ދެންނެވި ބޮޑު ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން. އެ އޮފީހުގައި އެ ކުދިން ތިބެމެ ދެން ވަރަށް އުނދަގޫ ވާނެ އެ ބޭފުޅުން މެދުވެރިކޮށް ތަހުގީގެއް ގެންގޮސް ކަންކަން ނިންމަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ ތެރޭގައި އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުދިން ސަސްޕެންޑް ކުރަން ކޮންމެހެން ވެސް ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ، އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޑްރަގް ވިޔަފާރީގައި އިސްކޮށް އުޅޭ މީހުނާއި ގާތް ގުޅުމެއް އޮންނަ ފުލުހުން ވެސް އުޅޭ ކަމަށް ބެލެވޭ ކަމަށެވެ. އަދި މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކާ ވެސް ގާތް ގުޅުން އޮންނަ ފުލުހުން އުޅޭ ކަމަށް ވިދާޅުވި އެވެ. މިކަމާ މެދު މެންބަރުން ވިސްނަވަން ވެސް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.

"އަޑީ ދައުލަތެއް އޮތް ކަމަށް ވަރަށް ގިނަ ބަޔަކަށް އެބަ ޝައްކު ކުރެވޭ، އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ، އަޅުގަނޑުމެންނަށް ހަމަ ވާއެއް ނުވާއެއް ނޭނގޭ،" މީގެ ކުރިން ވެސް އަޑީ ދައުލަތެއްގެ ވާހަކަ އެތައް ފަހަރަކު ދެއްކެވި ރައީސް ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ ނުފޫޒެއް ނެތް

ފުލުހުންގެ މުއައްސަސާއަށް ބައެއް ފަރާތްތަކުން ކިތަންމެ ފާޑެއް ކީނަމަވެސް އަދި ނުފޫޒު އޮތް ކަމަށް ބުނިނަމަވެސް ފުލުހުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް ސީޕީ ހަމީދު ވިިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މަގާމާ ހަވާލުވުމަށްފަހު އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވުމުގެ ޖާގައެއް ނުދެއްވާ ކަމަށާ އަދި އެފަދަ ނުފޫޒެއްވެސް ނާންނަ ކަމަށެވެ.

"އަޅުގަނޑުގެ ތަޖުރިބާއަކީ މިހާތަނަކަށް އަޅުގަނޑު މި މަގާމާ ހަވާލުވީ ފަހުން މިހާތަނަށް އަޅުގަނޑުގެ މައްޗަށް ސިޔާސީ ނުފޫޒެއް ފޯރުވަން ޖާގައެއްވެސް ނުދެން އަދި ނުވެސް ފޯރުވާ،"

ފުލުހުން މިފަހުން ކުރިއަށް ގެންދިޔަ ބައެއް ތަހުގީގުތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރެވޭ ތުހުމަތުވެސް ސީޕީ ދޮގު ކުރެއްވިއެވެ.