މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަތައް ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކަކަށް އަމާޒުކޮށް އެ މެންބަރުންގެ ގެކޮޅުތައް ރެއިޑް ކުރަން ބައެއް ފުލުހުން މަސައްތަކެއް ކުރަން ރޭވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދޮގު ކުރައްވައިފި އެވެ.

މަޖިލީހުގެ މިމަހުގެ ފުރަތަމަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އާ ބިލެއްގެ މަސައްކަތް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި ބައެއް މެންބަރުންނަށް އަމާޒުކޮށް ބައެއް ކަންކަން ކުރަން ފުލުހުންތަކެއް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ އެބަ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އެކިއެކި ކަންކަން ރެއިޑް ކުރުމަށް، ބެލުމަށް، މަސައްކަތް ކުރަމުންދާ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ބިލުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ގިނަ އިސްލާހުތަކެއް އަންނާނެ ކަމަށެވެ. އެ މަސައްކަތް ކުރާތީވެ، ފުލުހުންގެ އުސޫލުން ބޭރުން މަޖިލީހުގެ ވަކި މެންބަރުންތަކަކަށް އަމާޒުކޮށްގެން ވަކި ބާވަތެއްގެ ކަމެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދެންނެވި ގޮތަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ގެކޮޅަށް ވިޔަސް، ސައިކަލަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުހުންގެ އުސޫލުތަކާ ހިލާފަށް މެންބަރުން ހުއްޓުވައި ބަލައިފާސްކޮށް ގެކޮޅަށް ގޮސް ބަލައި ފާސް ކުރުމުގެ ކަންކަން ނުކުރަން ފުލުހަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

އެކަމާއި ގުޅޭގޮތުން މިރޭ ރާއްޖެ ޓީވީގެ ޕްރަގްރާމެއްގަައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެފަދަ ވާހަކަފުޅެއް ރައީސް ނަޝީދު ވިދާޅުވުމުން އެމަނިިކުފާނަށް ފޯނުން ގުޅުއްވާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ފުލުހުންގެ ތެރެއިން އެއްވެސް ބަޔަކު މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމުގެ ހަރަކާތެއް ހިންގާފައިނުވާ ކަމަށާ އަދި އެފަދަ ކަމެއް ނުހިނގާނެކަމަށް ވިދާޅުވި ކަމަށެވެ.

"ފުލުހުންނެއް އަޅުގަނޑަށް އެނގިގެނެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމުގެ ހަރަކާތެއް ހިންގާފައެއް ނުވޭ،"

ސީޕީ ވިދާޅުވީ ރައީސް ނަޝީދު އެހެން ވިދާޅުވި ދުވަސްވަރު އަދި އޭގެ ފަހުންވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށާ އެހެން ކަމުން ރައީސް ނަޝީދު ވިދާޅުވިފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށެވެ.