ހަބަރު

ގްރޭޑް 7 އާއި 8ގެ ކިޔެވުން އަންނަ މަހު 16 ގައި

ގްރޭޑް 7 އާއި 8 އެއްގެ ކިޔެވުން ފަށާނީ އަންނަ މަހު 16 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްްތަކެއް ކިޔެވުުން މެދުކަނޑާލުމަށްފަހު ޖުލައި އެކެއްްގައި ވަނީ މާލެ ސިޓީގެ ސްކޫލްތައް ފިޔަވާ ރާއްޖޭގެ ހުރިހާ ސްްކޫލްތަކެއްގައި ގްރޭޑް 1 އިން 12 އަށް ކިޔެވުން ފަށާފަ އެވެ. އަދި މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ކޮވިޑްގެ ހާލަތަށް ބަލައި އަދި އެޗްޕީއޭގެ ލަފަޔާއެކު ކީ ސްޓޭޖް 3 (ގްރޭޑް 7 އަދި 8)ގެ ކިޔެވުން މާލެސިޓީގެ ސްކޫލްތަކުގައި 16 އޮގަސްޓު ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންނަ މަހުން ފެށިގެން އިތުރު ގްރޭޑް ތަކުގައި ކިޔަވައި ދޭން ނިންމާފައި ވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ޔަގީން ކުރެވޭނަމަ ނުރައްކަލެއް ނެތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސްކޫލް ކުދިންނާއި ސްކޫލްތަކުގެ ބަައެއް ސްޓާފުން ޕޮޒިޓިވްވީ ނަމަވެސް، މިވަގުތު ސްކޫލަށް ދާ އެއްވެސް ކުއްޖެއް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި ސްޓާފުންގެ ތެރެއިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން އިތުރު ސްޓާފުންގެ ކޮންޓެކްޓުންނަށް ވެފައި ތިބީ ސްކޫލުން ބޭރުގައި އެއްކޮށް މާސްކު ނާޅާ ގިނަ ވަގުތު ހޭދަކޮށްފައި ތިބި މީހުން ކަމަށެވެ.

އަދި ވިދާޅުވީ، ސްކޫލްތަކުގައި އިތުރު ގްރޭޑް ތަކަށް ކިޔަވައި ދޭން އަންނަ މަހު ފަށާއިރު، މިހާރު ވެސް އަޅާފައިވާ ފިޔަވަޅުތައް ކަށަވަރު ކުރާ ނަމަ ރައްކާތެރިކަން އެބައޮތް ކަމަށެވެ. އަދި ޕޮޒިޓިވްވެފައިވާ މީހަކު ސްކޫލަށް ދިޔައަސް، އެ މީހެއްގެ ފަރާތުން އެހެން މީހުނަށް ބަލި ނުފެތުރޭނެ ގޮތަށް ކަންތައްތައް ބެހެއްޓިފައި އޮތުމުން ރައްކާތެރިކަން އެބަ އޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންޓެކްޓުންގެ ގޮތު ސްކޫލްތަކުގެ ތެރެއިން ނަގަންޖެހޭ މީހުން މަދު ކަމަށާއި ކޭސްތައް ފެންނަނީ ވެސް އެހެން ކޭސްތަކާ ގުޅިގެން ސްކޫލް މާހައުލުގެ ބޭރުން ކަމަށެވެ.

އަންނަ އީދު ބަންދަށް ފަހު އަންނަ މަހު މާލެ ސަރަޙައްދުގައި ގްރޭޑް 7 އަދި 8 ދަރިވަރުންނަށް ކިޔަވައިދޭން ފަށާއިރު ބައެއް ބެލެނިވެރިންގެ ވަނީ އެކަމާ ނުރުހިފަ އެވެ.