އެޗްޑީސީ

އެޗްޑީސީން ހުޅުވާލީ ބިދޭސީންނަށް ބިން ވިއްކުމުގެ ފުރުސަތެއް

މެދުފަންތީގެ މީހުންނަށް ހުޅުމާލޭގައި އެޕާޓްމަންޓުތަކެއް ހެދުމަށް ކަމަށް ބުނެ އެޗްޑީސީން ހުޅުވާލި ފުރުސަތަކީ ރިއަލެސްޓޭޓްގެ އުސޫލުން ހުޅުމާލޭގެ ބިންތައް ބިދޭސީންނަށް ވިއްކުމުގެ ހަރަކާތެއް ކަމަށާ އެކަން ހުއްޓުވަން ޖެހޭ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

އެޗްޑީސީން އިއްޔެ އިއުލާން ކުރީ، "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން އެދޭ ކަމަށެވެ. މެދުފަންތީގެ މީހުންނަށް އަމާޒުކޮށް ހަދާ މި އެޕާޓްމަންޓުތައް ހެދުމަށް ބޭނުންވާ މީހުންގެ ޕްރޮޕޯސަލްް އަންނަ ސެޕްޓެމްބަރު 24 ގެ ކުރިން ހުށަހަޅަންޖެހެ އެވެ.

އަލަށް ހަދަން ނިންމާފައިވަނީ 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އިމާރާތެކެވެ.

އިއުލާނުގައި ބުނީ އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީތަކުން ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަންޖެހޭނެ ކަމަށެވެ. ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ އަގަކީ އެއްލައްކަ ޑޮލަރެވެ.

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ އެޗްޑީސީ އިއުލާނުގައި ބުނާގޮތުން ބިދޭސީ ޕާޓީއެއްނަމަ ބިޑްސެކިއުރިޓީ ގޮތުގައި އެއް ލައްކަ ޑޮލަރު ބަހައްޓަން ޖެހޭ މި ވިޔަފާރިއަކީ ރިއަލެސްޓޭޓްގެ އުސޫލުން ހުޅުމާލޭގެ ބިންތައް ބިދޭސީންނަށް ވިއްކުމުގެ ހަރަކާތެއް ކަމަށެވެ. އަދި އެކަން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީ އިއުލާނުގައި ބުނާގޮތުން ބިދޭސީ ޕާޓީއެއްނަމަ ބިޑްސެކިއުރިޓީ ގޮތުގައި 1 ލައްކަ ޑޮލަރު ބަހައްޓަން ޖެހޭ މި ވިޔަފާރިއަކީ ރިއަލެސްޓޭޓްގެ އުސޫލުން ހުޅުމާލޭގެ ބިންތައް ބިދޭސީންނަށް ވިއްކުމުގެ ހަރަކާތެއް. ހުއްޓުވަން ޖެހޭކަމެއް
އިބްރާހިމް ރަޝީދު | މާފަންނު މެދު ދާއިރާގެ މެންބަރު

ހުޅުމާލޭގައި އެޕާޓްމަންޓް ބިލްޑިންގްތަކެއް ހެދުމަށްފަހު އެ ތަންތަން ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާނުކޮށްފައިވަނީ އިއްޔެ އެވެ. މި އިމާރާތްތައް ހުންނާނީ ހުޅުމާލޭގެ ޕްލެޓިނަމް ބިލްޑިންގް ކައިރި ސަރަހައްދުގަ އެވެ. ހަތަރު އިމާރާތުގެ ތެރެއިން 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ 12،294.10 އަކަފޫޓެވެ. ބާކީ ތިން އިމާރާތުގެ ބޮޑުމިނަކީ، 24،098.22 އަކަފޫޓާއި 30،047.97 އަކަފޫޓު އަދި 26،969.06 އަކަފޫޓު އެވެ.