ހަބަރު

ރައީސް ނަޝީދު ދޫކޮށްލަން ގޮވާލައި މަޖިލީހުގައި މުޒާހަރާކޮށްފި

Oct 5, 2015

ޗުއްޓީއަށް ދިއުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމާއެކު މަޖިލީހުގެ ތަޅުމުގައި އެމްޑީޕީއިން މިއަދު އަޑުގަދަކޮށް މުޒާހަރާކޮށްފި އެވެ.

މިއަދު ޖަލްސާ ފެށީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރަން އޮތް ފުރުސަތާއެކު އެވެ. އެކަމަނާ ސުވާލު ކުރައްވާފައި ވަނީ އައްޑޫ އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހުރި ގޮނޑިތައް މާލެ ގެނައުމަށްފަހު އަނބުރާ ގެންދިއުމާ ބެހޭ ގޮތުންނެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާފައިވާ ރީންދޫ ކުލައިގެ ބެނާތަކެއް މިނިސްޓަރު އިންނަވާ މޭޒުކޮޅު ކައިރީގައި ދަމާ އަޑު ހަރުކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާފައެވެ.

އެ ބެނާ ނެގިޔަ ނުދިނުމަށް ޕީޕީއެމްގެ ބައެއް މެންބަރުންނާއި މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން މަސައްކަތް ކުރެއްވި ނަމަވެސް އެ ބެނާ ދަމައިގެން މުޒާހަރާ ކުރިޔަށް ގެންދިޔައެވެ. މުޒާހަރާގައި އިސްވެ ހުންނެވީ މެންބަރު އީވާ އަބްދުﷲ އާއި މާރިޔާ އަހުމަދު ދީދީ އެވެ. އެމްޑީޕީގެ މެންބަރުން އެއް އަޑަކުން ގޮވަމުން ދަނީ ރައީސް ނަޝީދު ދޫކޮށްލުމަށެވެ.

މުޒާރާ ކުރި ނަމަވެސް ރިޔާސަތުން ވަނީ މިއަދުގެ އެޖެންޑާއާ އެއްގޮތަށް ވަޒީރާ ސުވާލު ކުރުމުގެ ފުރުސަތު ދެއްވާފައެވެ. އެމްޑީޕީގެ މެންބަރުން ގެންދެވީ ސުވާލު ކުރާ ވަގުތުތައް ފިޔަވައި ހުރިހާ ވަގުތެއްގައި އަޑު ހަރުކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލަމުންނެވެ. މަޖިލިސް ކުރިޔަށް ގެންދެވޭނެ މާހައުލެއް ނެތި ނިޒާމު ގެއްލިފައިވާ ކަމަށް ޕީޕީއެމްގެ މެންބަރު ވިދާޅުވި ނަމަވެސް ރިޔާސަތުން ވަނީ ޖަލްސާ މެދު ކަނޑާ ނުލައި އެޖެންޑާއާ އެއްގޮތަށް ކުރިޔަށް ގެންގޮސްފަ އެވެ. 

އެގޮތުން މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވާފައިވާ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު، ތަސްދީގު ނުކުރައްވައި އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މައްސަލަ ވެސް ކުރިޔަށް ގެންދިޔަ އެވެ. އެ މައްސަލަ ހުށަހެޅި އިރު ވެސް އެމްޑީޕީގެ މެމްބަރުން ވަނީ ނަޝީދު ދޫކޮށްލުމަށް ގޮވާލާ އަޑު ގަދަކޮށްފައެވެ. 

އެ މައްސަލައިގެ ބަހުސަށް އެއް ގަޑި އިރުގެ ވަގުތު ދިންނަމަވެސް އެ މައްސާލައިގައި ޕީޕީއެމްގެ މެންބަރުން ވާހަކަފުޅު ދެއްކެވުމުގެ ބަދަލުގައި ބޭނުންވީ ކޮމެޓީއަށް ފޮނުވާށެވެ.

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީން މިއަދު މުޒާހަރާ ފެށި އިރު ރައީސް ނަޝީދުގެ މައްސަލާގައި އދ. ވޯކިން ގްރޫޕްގައި ނިންމި ނިންމުން ތަންފީޒު ކުރުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ދައުރުގެ ގިނަ ޖަލްސާތަކެއްގައި ވެސް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އަޑުގަދަ ކުރައްވާ މުޒާހަރާ ކުރި އެވެ.