ވިޔަފާރި

ދިރާގުގެ ފައިދާ ދަށްވިއަސް އިންޓަރިމް ޑިވިޑެންޑް ދޭނެ

Jul 25, 2020
3

ކޮވިޑް-19 އާ ގުޅިގެން ދިރާގުގެ ފައިދާ ދަށްވި ނަމަވެސް ހިއްސާދާރުންނަށް އިންޓެރިމް ޑިވިޑެންޓްގެ ގޮތުގައި 2.07ރ. ބަހަން ހުށަހަޅައިފި އެވެ.

ދިރާގުން ބުނީ 11 މާޗް 2020 ވަނަ ދުވަހު މުޅި ދުނިޔެއިން ބަލިމަޑުކަމެއް ކަމަށް ކަނޑައަޅާފައިވާ ކޮވިޑް-19 އިގެ ސަބަބުން ކުންފުނީގެ މާލީ ނަތީޖާއަށް ފާހަގަ ކުރެވޭ ވަރުގެ ބޮޑު އަސަރެއް ކޮށްފައިވާ ކަމަށާއި އިގްތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރާއެކު މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ ޖުމްލަ އާމްދަނީ 25 ޕަސެންޓް ދަށްވި ކަމަށެވެ. އަދި ސާފު ފައިދާ ދެވަނަ ކުއާޓަރުގައި 49 ޕަސެންޓް ދަށްވެ، އާމްދަނީން ހިއްސާ އަކަށް ޖެހޭ މިންވަރު މިދިޔަ ކުއާޓަރާ އަޅާބަލާއިރު 50 ޕަސެންޓް ދަށްވި ކަމަށެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތް ކުރަމުން ގެންދަނީ ހަމަހަމަ ގޮތެއްގައި މުސްތަގްބަލްގެ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކޮށް ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައި ވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދަން ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގަށް ގެއްލުންވި ނަމަވެސް އެ ކުންފުނީގެ ބޯޑުން ވަނީ އަހަރުގެ އިންޓަރިމް ޑިވިޑެންޑް ދޭން ނިންމާފަ އެވެ. މި އަހަރުގެ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާ އަކަށް 2.07 ރުފިޔާ ކަނޑައަޅައި ޖުމްލަ 157.3 މިލިއަން ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް ބަހާނެ އެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ވިޔަފާރީގެ ބޮޑު ބައެއް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން ހިއްސާ ކުރެ އެވެ.