ހަބަރު

އީސީސީގެ ގޮނޑިތައް ޕީޕީއެމްގެ ޖަލްސާތަކުގައި ބޭނުމެއް ނުކުރާނެ: މުއިއްޒު

Oct 5, 2015

އައްޑޫ ސިޓީ އިކްއެޓޯރިއަލް ކޮންވެންޝް ސެންޓަރު (އީސީސީ) ގޮނޑިތަށް މިނިވަން 50 ގެ ހަރަކާތްތަކުގައި ބޭނުން ކުރި ނަމަވެސް އެ ގޮންޑިތައް ޕީޕީއެމް ޖަލްސާތަކުގައި ބޭނުން ނުކުރާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ރައްޔިތުން މަޖުލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ސެންޓަރުގައި ހުރި ގޮނޑިތަށް މިނިވަން 50 ގެ ހަރަކާތްތަކުގައި ބޭނުން ކުރަން ގެނެއީ އެއީ އެފަދަ ގައުމީ ބޮޑު ހަފްލާއެއްގައި ބޭނުން ކުރަން އެކަށީގެންވާ ގޮނޑިތަކެއް ކަމަށް ބެލެވޭތީ ކަމަށާއި ނަމަވެސް އެގޮންޑިތަށް ޕީޕީއެމްގެ އޮފީހެއްގައި ނުވަތަ ޕީޕީއެމް ޖަލްސާ އެއްގައި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

މިއަދު މިނިސްޓަރާ ސުވާލު ކުރެއްވި އިރުވެސް އަދި އެމަނިކުފާނަށް އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވި އިރު ވެސް އެމްޑީޕީގެ މެންބަރުން ގެންދިޔައީ ރައީސް މުހައްމަދު ނަޝީދު ދުކޮށްލުމަށް ގޮވާލާ ބެނާތަކެއް ދަމައި މިނިސްޓަރު ކައިރިގައި ތިއްބަވައިގެން އަޑުގަދަ ކުރައްވާފަ އެވެ.

ނަމަވެސް ގޮނޑިތަކާ ބެހޭ ގޮތުން އަމާޒުވި ހުރިހާ ސުވާލަކަށް މިނިސްޓަރު ޖަވާބު ދެއްވި އެވެ. މިނިސްޓަރު ވިދާޅުވީ މިނިވަން ފަންސާހުގެ އިތުރުން އީސީސީން މާލެ ގެނައި ގޮނޑިތަަށް ބޭނުން ކޮށްފައިވާނީ ދަރުބާރުގޭގައި ބޭއްވި ސަރުކާރުގެ ވުޒާރާތަކުގެ ބައެއް ގައުމީ ފެންވަރުގެ ޖަލްސާތަކުގައި ކަމަށެވެ. 

"އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުންގައި ހުރި 850 ގޮނޑި ގެނައި ސަބަބަކީ އެއީ [މިނިވަން ފަންސާހުގެ އިވެންޓް ފަދަ] ބޮޑު އިވެންޓްގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ އެއްޗެހި ކަމަށް އިވެންޓު ބޭއްވި ފަރާތްތަކަށް ގަބޫލު ކުރެވޭތީ އެކަމަށް ބޭނުން ކުރަން އަދި ޕީޕީއެމް އޮފީހުގައި ނޫނީ ޖަލްސާގައި އެގޮނޑިތަށް ބޭނުން ކުރިޔޭ ބުނާ ވާހަކަ އަކީ ހަގީގަތެއް ނެތް ވާހަކައެއް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޮނޑިތައް މިހާރުވާނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި ވީހާވެސް އަވަހަކަށް އެތަކެތި އައްޑޫއަށް އަނބުރާ އައްޑޫއަށް ފޮނުވާނެ ކަމަށެވެ.

ގައުމީ މަޖިލީހުގެ ތިންވަނަ ދައުރުފެށި މިއަދު މުއިއްޒު އާ ސުވާލު ކުރެވުނުއިރު އިދިކޮޅު ޕާޓީ އެމްޑީޕީ އިން ދިޔައީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީގެ ފޮތިގަނޑުތަކެއް މަޖުލީހުގެ ތެރޭގައި ދަމާފަ އެވެ.