ހަބަރު

ޓީޗަރުންގެ މަސައްކަތުގެ އަގު ވަޒަން ކުރަން: މިނިސްޓަރު

Oct 5, 2015

އުނގަންނައި ދިނުމުގެ ދާއިރާއަށް ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ޝުކުރު އަދާކުރައްވައިފި އެވެ.

ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ، ގައުމެއް، ގައުމެއްގެ ގޮތުގައި ބިނާކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ އެއް ބަޔަކީ މުދައްރިސުން ކަމަށެވެ. އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިމަގުގެ ޖީލު ޒިންމާދާރުކުރުމަށް މުދައްރިސުން ކުރާ މަސައްކަތަކީ އޭގެ ނަތީޖާ ދުރު މުސްތަގުބަލަށް ބިނާވާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުދައްރިސުންގެ އަޒުމަކަށް ވާންޖެހޭނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ޒަމާނީ ވަސީލަތްތަކާއި ހިޔާލުތަކާ އެކު ކުދިންނަށް ކިޔަވައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ. އެކަން އެގޮތަށް ކުރެވޭނީ ޓީޗަރުންނަކީ ގާބިލު ބަޔަކަށް ހެދިގެން ކަމަށާއި އެ ފުރުސަތު ޓީޗަރުންނަށް ފަހިކޮށްދޭން އަަދުގެ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލު ގެންނެވުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަ ވަން. އުނގަންނައިދިނުމުގެ މަސައްކަތް ޒަމާނީކޮށް، އިންގިލާބީ ބަދަލަކަށް މަސައްކަތްކުރާ އިރު، މުދައްރިސުންނަށް އިލްމީ ގޮތުން ކުރިއަށްދާނެ ފުރުސަތު ފަހިކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މުދައްރިސުންގެ މަގާމުގެ އޮނިގަނޑަށް ގެނައި ބަދަލާއި އެކު ޑޮޕްލޮމާއިން މަތީ ފެންވަރަށް މުދައްރިސުން ކިޔަވަންޖެހޭ ގޮތަށް ލާޒިމުކުރުމުގެ ނަތީޖާއަކީ އަންނަ އަހަރު ފެށޭ އިރު ހުރިހާ ޓީޗަރުންނަކީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރު ހުރި ޓީޗަރުންނަށް ވުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"1200 އަށް ވުރެ ގިނަ ޓީޗަރުން މިހާރު ދަނީ ޑިގްރީއަށް ކިޔަވަމުން. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ތަމްރީނު ކުރަން ފެށި މުދައްރިސުން މިމަހުގެ ތެރޭގައި ދަސްވެނި ވާނެ. މިއީ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރަން ކުރެވޭ މަސައްކަތްތައް. އޭގެ ސަބަބުން އެއްވެސް ކުއްޖަކު ބާކީ ނުކުރުގެ ސިޔާސަތު ފުރިހަޔަށް ތަންފީޒުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.