ހަބަރު

ކައުންސިލްތަކުގެ މަސައްކަތް މިނެކިރާނެ އުސޫލުތައް ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި

އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް ޓްރޭނިން ޕްރޮގްރާމް މިއަދު ފަށައިފި އެވެ. 

އަންނަ އަހަރުން ފެށިގެން ކައުންސިލްތައް މިންކުރުމަށް ބޭނުންކުރާނެ އުސޫލުތައް ދަސްކޮށްދިނުމަށް ދެ ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގެ މިއަދު ފައްޓަވައި ދެއްވީ އެލްޖީއޭގެ ބޯޑު މެމްބަރު އާމިރު އަލީ އެވެ.

އޭނާ ވާހަކަ ފުޅުގައި ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް މިނެކިރާނެ ނިޒާމެއް ވެސް ނެތި އޮއްވައި ކައުންސިލްތަކުގެ މަސައްކަތް މިނެކިރާނެ އުސޫލެއް ހެދިގެންދިއުމަކީ އެލްޖީއޭއިން ހޯދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ މަސައްކަތްތައް އަޅާކިރާނެ މިންގަނޑެއް އޮތުމުން ކުރިމަގުގައި ކައުންސިލްތަކުގައި ވާދަވެރިކަން އިތުރުވެ، މަސައްކަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ފެށި ޕްރޮގްރާމުގައި ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ކޮންސެޕްޓާއި އިންޑެކްސްއެއް އެކުލަވާލާނެ ގޮތާއި ޑާޓާ ބޭސް އެންޓްރީ އަދި ކޮމްޕިއުޓިންގެ ނަމޫނާ ސެޝަނެއް އިތުރުން ޕާފޯމަންސް އިންޑެކްސްގެ ސުވާލު ކަރުދާހަށް ބައިވެރިން އަހުލުވެރިކުރުން އޮންނާނެ އެވެ.