ފިނިޕޭޖް

"ކަސޯޓީ"ގެ ޝޫޓިން އެރިކާ ކުރިޔަށް ގެންދަނީ ގޭގައި

ކޮރޯނާވައިރަހުގެ ބިރާ ހެދި ލޮކްޑައުން ކުރުމުން "ކަސޯޓީ ޒިންދަގީ ކޭ" ގެ ޝޫޓިންގް ވެސް މެދުކެނޑިފައި އޮންނަތާ ތިން މަހަށް ފަހު ޝޫޓިން ފެށީތަނާ ހެން މި ސިލްސިލާގައި ލީޑް ރޯލު ކުޅޭ ޕާތު ސަމުތާން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ޝޫޓިން ހުއްޓާލަން ޖެހުނެވެ. ޕާތު ޕޮޒިޓިވް ވުމުން އެ ވަގުތު ޝޫޓިންގްގައި އުޅުނު ހުރިހާ އެކްޓަރުންނާއި ޓެކްނީޝަނުން ވެސް ކޮވިޑަށް ޓެސްޓް ކުރި އެވެ. އަދި އެއަށްފަހު މުޅި ސެޓް ޑިސްއިންފެކްޓްކޮށް އަލުން ޝޫޓިން ވަނީ ފަށާފަ އެވެ.

މި ސިލްސިލާގައި ޕްރޭރްނާގެ ރޯލު އަދާކުރާ އެރިކާ ފެނާންޑިސް އާއި ކޯމަލިކާގެ ރޯލު މިހާރު އަދާކުރާ އާމްނާ ޝަރީފުގެ ކޮވިޑް ރިޕޯޓު ނެގެޓިވް ވީނަމަވެސް މި ދެ ތަރިން އަދިވެސް އެ އެކްޓަރުންނަށް ކުޅެން ޖެހޭ ބައިތައް ޝޫޓްކުރަނީ އަމިއްލަ ގޭގައި ތިބެގެންނެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރާ ކަމެއް ކަމަށް އެރިކާ ބުންޏެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އެރިކާ ބުނީ އޭނާގެ ޓެސްޓު ނެގެޓިވް ވީނަމަވެސް ޓެސްޓް ޕާތު ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ވާތީ އެހާ ކުރިން ޓެސްޓްކުރުމުން ނަތީޖާ ނެގެޓިވް ވުމުގެ ފުރުސަތު އޮންނާނެތީ ޝޫޓިންގަށް ދާން އޭނާ ޖެހިލުން ވަނީ އެވެ. ފުރަތަމަ ޓެސްޓް ކުރިތާ 10 ވަރަކަށް ދުވަސް ފަހުން އަލުން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ކަމަށް ދައްކައިފިނަމަ ޝޫޓިންގަށް ދާން ފަށާނެ ކަމަށް ވެސް އެރިކާ ބުންޏެވެ.

ނަމަވެސް ޝޯގެ އާ އެޕިސޯޑުތައް ދައްކަން ފަށާފައިވާތީ ކޮންމެ ގޮތެއް ހަދާފައި ވެސް ޝޫޓީންގް ކުރިޔަށް ނުގެންގޮސް ވެސް ވާކަށް ނެތެވެ. އެހެންވެ އޭނާގެ ބައި އޭނާ ގޭގައި ހުރެގެން ޝޫޓް ކުރާ ގޮތަށް ހަމަޖެއްސީ އެވެ.

އެރިކާ ބުނި ގޮތުގައި ގޭގައި ހުރެގެން ވެސް އޭނާ 12 ގަޑިއިރުގެ ޝިފްޓެއް ފުރިހަމަ ކުރެ އެވެ. ޝޫޓިން ކުރިޔަށް ގެންދަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ޓީމާ ކޯޑިނޭޓްކޮށްގެން ކަމަށާއި ކެމެރާ އާއި ލައިޓިން އަދި މޭކަޕާއި އިސްތަށިގަނޑު ސްޓައިލް ކުރުން ފަދަ ހުރިހާ ކަމެއް ކުރަނީ އަމިއްލައަށް ކަމަށް ވެސް އެރިކާ ބުންޏެވެ. ޝޫޓް ކުރިޔަށް ދާއިރު އޭނާއަށް ކުރަންވީ ކަންކަން ކިޔައިދީ މަގުދައްކައިދިނުމުގައި ޑައިރެކްޓަރާއި ޑައިރެކްޓަރު އޮފް ފޮޓޮގްރަފީ (ޑީއޯޕީ) އަދި ކްރިއޭޓިވް ޑިޕާޓްމަންޓުގެ މީހަކު އޭނާއަށް އެހީތެރިވަމުންދާ ކަމަށް އެރިކާ ބުންޏެވެ. ނަމަވެސް އެކުގައި ޝޫޓްކުރާ އެހެން އެކްޓަރުންގެ ހަރަކާތްތައް ނުފެނި އެކްޓްކުރަން ޖެހުމުން ފުދޭ ވަރަކަށް އުނދަގޫކަމަށް އެރިކާ ބުންޏެވެ.

ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް އެރިކާ ވަރަށް ތައުރީފުކުރި އެވެ. އޭނާގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި އޭނާއަށް ފަސޭހަ ގޮތަކަށް ޝޫޓިން ކުރިޔަށް ގެންދިއުމުގެ ފުރުސަތު ދިނީމަ އެވެ.

"ކަސޯޓީ"ގައި އަނުރާގު ބާސޫގެ ރޯލު އަދާކުރާ ޕާތުގެ ނަތީޖާ ނެގެޓިވްވެ އޭނާ ވެސް ވަނީ ކޮވިޑް ބަލިން އަރައިގަނެވިފަ އެވެ. ނަމަވެސް ގޭގައި ކަރަންޓީނު ވެގެން ވަކި މުއްދަތެއް ހަމަވަންދެން އޭނާއަށް ހުންނަން ޖެހެ އެވެ. ޕާތު ޕޮޒިޓިވްވީ ނަމަވެސް އޭނާއާއެކު ސެޓުގައި އުޅުނު އެއްވެސް އެކްޓަރަކު އަދި ޓެކްނީޝަނަކު ވެސް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.