މާލެ އަތޮޅު ދިއްފުށީ ކައިރިން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓު އަތުލައިގެންފި އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ރޭގެ ވަގުތެއްގައި ދިއްފުށި ކައިރިން މަސްވެރިންތަކަކަށް ފެނުނު ބޭރުގެ މަސްބޯޓު މިހާރު އަތުލައިގެންފައިވާ ކަމަށާއި އެ ބޯޓު ސިފައިންގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ބަނދަރަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބޯޓު އަތުލައިގަތީ ރާއްޖޭގެ ކަނޑުގެ ސަރަހއްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށެވެ. ބޯޓު އަތުލައިގެންފައިވާއިރު ބޯޓުގައި ތިބި މީހުންގެ އަދަދެެއް ސާފެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އަތުލައިގެންފައި ވަނީ ސްރީ ލަންކާގެ މަސްބޯޓެކެވެ. އެ މަސްބޯޓް ފެނިގެން ރިޕޯޓު ކޮށްފައިވަނީ ދިވެހި ދެ މަސްދޯންޏަކުންނެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ވަނީ އަތުލައިގެންފަ އެވެ. އެކަމުގައި މަސްވެރިންގެ އެހީތެރެކިން ބޮޑެވެ.