ހަބަރު

ޔޫންގެ އޮޕަރޭޝަން ބޭނުންވާ ހަރަދު ވިޔަފާރިވެރިޔަކު ދީފި

Jul 26, 2020
9

ފިލްމީ ތަރި، މުހައްމަދު ޔުނާންގެ ތުއްތު ދަރިފުޅު، ޔޫންގެ ހިތުގެ އޮޕަރޭޝަން، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ކުރުމަށް ބޭނުންވާނެ މާލީ އެހީ އަމިއްލަ ވިޔަފަރިވެރިޔަކު މިއަދު ހަމަޖަައްސައިދީފި އެވެ.

މި އޮޕަރޭޝަނަށް ބޭނުންވާނެ ހަރަދު ރާއްޖޭގެ ޒުވާން ވިޔަފާރިވެރިއަކު މިއަދު ދެއްވި އިރު އެ ކުއްޖާގެ އާއިލާ އިން ބޭނުން ނަމަ މިހާރު ވެސް އިންޑިއާ އަށް ފޮނުވައިގެން އޮޕަރޭޝަންގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް، އާސަންދަ ކުންފުނިން ވެސް ރޭ ވަނީ ބުނެފަ އެވެ.

މި އެހީ ހަމަޖެހިގެން އާއިރު، ޔުނާންގެ އަށް މަހުގެ އަންހެން ދަރިފުޅުގެ ހިތުގެ އޮޕަރޭޝަން ކުރަން އިންޑިއާއަށް ގެންދަން އާސަންދަ އިން ޖާގަ ނުދިން ކަމަށް ބުނެ، އެ އާއިލާއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭގެ ކަައިރީގައި އިއްޔެ ހަވީރު ގޮސް ޝުއޫރު ފާޅުކޮށްފަ އެވެ.

ތުއްތު ކުއްޖާގެ މަންމަ ފާތުމަތު ރިހުލާ މިއަދު ބުނީ ދަރިފުޅު އިންޑިއާއަށް ގެންދަން އެންސްޕާ އިން ހުރިހާ ހަރަދެއް ކޮށްދޭން ނިންމައި އާއިލާ އަށް އެކަން އަންގާފައިވާ ކަަމަށާއި އާސަންދަ އިން އިންޑިއާއަށް ބަލި މީހުން ގެންދާ ފްލައިޓުން ޖާގަ ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ނަމަވެސް ރިހުލާ ބުނީ އެކަންކަން ހަމަޖެހުނު އިރު ދަރިފުޅުގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިއަކު ރޭ އަމިއްލަފުޅަށް ގުޅުއްވައި ހަމަޖައްސަވައި ދެއްވާފައިވާ ކަމަށެވެ.

"އެ ފަރާތުން [ވިޔަފާރިވެރިޔާ] ރޭ ގުޅުއްވައި އެ އެހީތެރިކަން އަޅުގަނޑުމެނަށް ވަގުތުން ޔަގީންކޮށް ދެެއްވެވި. އަދި މިއަދު އެ ފައިސާ ވެސް ހަމަޖައްސައިދެއްވާފައި ވަނީ. އަޅުގަނޑުމެން އާދޭސްތައް އިވި ވަޑައިގެން މިފަދަ ބޮޑު ދީލަތި އެހީއެއް ވެދެއްވި ކަމަށްޓަކައި އެ ބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" ރިހްލާ ބުންޏެވެ. "އަދި މިކަމުގައި އަޅުގަނޑުމެނަށް އެހެން ބައެއް ފަރާތްތަކުން ވެސް އެހީތެރިވެފައި ވާތީ އެ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރަން"

ތުއްތު އެ ކުއްޖާގެ އޮޕަރޭޝަނަށް އެހީތެރިވެ ދިން ވިޔަފާރިވެރިޔާގެ ނަމެއް ވެސް އަދި ހަދިޔާކުރި ފައިސާގެ އަދަދު ވެސް އެ އާއިލާއަކުން ނުބުނެ އެވެ.

ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި ޔުނާންގެ އާއިލާއަށް އެހީތެރިވެ ދެއްވީ ފަހަކަށް އައިސް ކިޔަވާ ކުދިންނަށާއި ޔަތީމު މިސްކީނު ކުދިންނަށާއި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް ވަރަށް ބޮޑު އެހިތެރި ކަމެއް ވެދެއްވަމުން ވަޑައިގަންނަވާ ޒުވާން ވިޔަފާރިވެރިއެކެވެ. ކޮވިޑްގެ ލޮކްޑައުންގައި ވެސް އެ ފަރާތުން އެކި ފަރާތްތަކަށް ބޮޑެތި އެހީތަކެއް ވެދެއްވާފަ އެވެ.

ޔުނާން އާއި ރިހުލާގެ ފުރަތަމަ ދަރިފުޅު ޔޫންއަކީ ހިތުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ތުއްތު ކުއްޖެކެވެ. އަދި އަށް މަހުގެ ޔޫން އަކީ "ވަން އަމްބިލިކަލް އާޓްރީ ބޭބީ" އެކެވެ. އޭގެ ސަބަބުން ބަނޑުގައި ކުއްޖާ އޮންނައިރު އޮކްސިޖަން އާއި ލޭ ފޯރު ކޮށްދިނުމަށް ހުރަސް އަޅައެވެ. އަދި އެނޫންވެސް ކުއްޖާ ހެދި ބޮޑުވުމަށް އެތައް ގޮތަކުން ހުރަސް އަޅައެވެ. އެކަމުގެ ސަބަބުން ކުއްޖާ އުފަންވަނީ ސިއްހީ އެތައް މައްސަލަތަކަކާއެކުގަ އެވެ. ކުރިން ވެސް ވަނީ ޔޫންގެ ބޮޑު އޮަޕަރޭޝަނެއް ކޮށްފަ އެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ކުރި އެ އޮޕަރޭޝަންގައި ސަބަބުން ޔޫންއަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ލިބިފައި ވެއެވެ. ނަމަވެސް އޭގެ ފަހުން މި މަހުގެ ތެރޭގައި އަނެއްކާވެސް ޔޫންއަށް ވަނީ ހިތުގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. މި ކުއްޖާގެ ހިތުގެ ވާތްފަޅި ވަނީ އާދަޔާ ހިލާފަށް ބޮޑުވެ ފުފިފަ އެވެ.

ޔޫންގެ ފުރާނަ ސަލާމަތް ކުރަން ވަރަށް އަވަހަށް ބޭރަށް ފުރަން ޖެހެއެވެ. ޔޫންގެ އޮޕަރޭޝަން ކުރިން ވެސް ކުރި ޑޮކްޓަރަށް ދައްކަން ރާއްޖެއިން ޔޫންއަށް ފަރުވާދިން ޑޮކްޓަރުން ވަނީ ލަފާ ދީފައި ވެއެވެ. އެއީ އިންޑިއާގެ ޑރ. ސުނިލް އެވެ. މިހާރު ސުނިލް މަސައްކަތް ކުރައްވަނީ އަމްރިތާ ހޮސްޕިޓަލަކު ނޫނެވެ. އޭނާ މިހާރު މަސައްކަތް ކުރައްވާ ހޮސްޕިޓަލަށް އާސަންދައެއް ނުލިބެ އެވެ.

އެހެން ކަމުން ފަރުވާގެ ކަންކަމަށް ބޮޑު ހަރަދެއް ހިނގާއިރު 6،000 ޑޮލަރު (ގާތްގަނޑަކަށް 92،000ރ.) އޮޕަރޭޝަނަށް ދެ އެވެ. އެކަމަށް ހިނގާއިރު އެކަންކަން ކުރެވޭނެ ވަރުގެ މާލީ ތަނަވަސް ކަމެއް ޔޫންގެ މައިންބަފައިންގެ ކިބަޔަކު ނެތެވެ. އެހެން ކަމުން އެ ދެމަަފިރިން ވަނީ އާންމުންގެ އެހީތެރި ކަމަށް ވެސް އެދިފަ އެވެ. އަދި ފައިސާ ހޯދަން ތަފާތު ހަރަކާތްތައް ވެސް ވަނީ ހިންގި އެވެ.

އާއިލާއިން ބޭނުންވަނީ، ޔޫންގެ ފުރަތަމަ އޮޕަރޭޝަން ކުރި ޑޮކްޓަރު ގާތަށް ދާށެވެ. އޭނާ ކުރިން މަސައްކަތްކުރީ އަމްރިތާގައި ކަމަށް ވިއަސް އެ ޑޮކްޓަރު މިހާރު މަސައްކަތް ކުރަމުން އަންނަނީ ލިސީ ނަމަކަށް ކިޔާ ހޮސްޕިޓަލެއްގަ އެވެ. އެތަނުން އާސަންދައެއް ނުދެ އެވެ. ނަމަވެސް ޔޫންގެ އޮޕަރޭޝަން ކުރި ޓީމުގެ އެހެން ޑޮކްޓަރުން އަމްރިތާގައި މިހާރު ވެސް އެބަތިއްބެވެ. ނަމަވެސް މިހާރު ޔޫންގެ ދައްކަން ގެންދަނީ ލިސީ ހޮސްޕިޓަލަށެވެ. އެއާއިލާ މާލެެއިން ފުރާނީ އަންނަ ބުދަ ދުވަހު އެވެ.