ހަބަރު

ޓޫރިޒަމަށްދޭ ރަށްރަށުގެ ތިމާވެށީގެ ކަންކަން ޓޫރިޒަމަށް ބަދަލު ކުރުމުން ކަންބޮޑުވޭ: އީޔޫ

Oct 5, 2015

ޓޫރިޒަމަށް ދޫކުރާ ރަށްރަށުގެ ތިމާ ވެއްޓާއި ގުޅޭ ކަންކަން ބެލެހެއްޓުން އެ މިނިސްޓްރީން ކުރުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަންބޮޑުވާ ކަމެއް ކަމަށް އެ ޔޫނިއަނުން ބުނެފި އެވެ.

މީގެ ހަމަސް ކުރިން އީޕީއޭ އިން ދެކޮޅު ހަދާފައިވަނިކޮށް ވަނީ ޓޫރިޒަމަށް ދޫކުރާ ރަށްރަށުގެ ތިމާވެއްޓާ ގުޅޭ ކަންކަން ބެލެހެއްޓުން ޓުއަރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. 

މިކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ހޮޓަލް ޖެންގައި މިއަދު ބޭއްވި ކްލައިމެޓް ޗޭންޖް އެޑޮޕްޓޭޝަން ޕްރޮގްރާމް (ސީކެޕް) އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެއާއި ސްރީލަންކާއަށް ކަންޑައަޅާފައި ހުންނަ އީޔޫގެ ސަފީރު ޑޭވިޑް މާޓިން ޑެލީ ވިދާޅުވީ ތަޖުރިބާޔަށް ބަލާއިރުގައި އެފަދަ ބަދަލަކީ އާންމު ގޮތެއްގައި އެކަށީގެންވާ ނަތީޖާ ނުކުންނާނެ ބަދަލެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން ކޮށްފާނެ ބައެއް ކަހަލަ ނޭދެވޭ އަސަރުތަކާ މެދު އީޔޫއިން ކަންބޮޑުވާ ކަމަށެވެ.

"ރަށްރަށުގެ ތިމާ ވެއްޓާއި ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ޓޫރިޒަމް މިނިސްޓްރީ ދަށަށް ބަދަލު ކުރުމަކީ އޭގެ އެންމެ އެދެވޭ ނަތީޖާ ނުކުންނާނެ ކަމެށް ނޫން،" މާޓިން ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖެއިން ތިމާވެށި ރައްކާކޮށް މޫސުމަށް އަންނަ ބަދަލުތަކާއި މެދު ކުރާ ހުރިހާ މަސައްކަތް ތަކަށް އީޔޫގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީ އަދި ފުވަމުލަކުގެ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން މަސައްކަތަކެއް ފެށި އެވެ. އަދި ސީކެޕް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބުރާހިމް އެވެ.