ހަބަރު

ސެކިއުރިޓީ ކައުންސިލްގެ ވަގުތީ މެންބަރަކަށް މިސްރު ހޮވަން ރާއްޖެ ވޯޓް ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ: ނައިބު ރައީސް

Oct 5, 2015

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 2016 އިން 2017 އަށް ވަގުތީ މެންބަރު ކަމަށް މިޞްރުން ކުރިމަތިލައްވާފައިވާތީ، އެކަމުގައި މިސްރަށް ރާއްޖެއިން ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، މިއަދު ހެނދުނު އެމަނިކުފާނުގެ އަރިހަށް މިޞްރުގެ ރައީސްގެ ޚާއްޞަ މަންދޫބު، ހާތަމް އަލް ސަޢީދު ތަގައްދީން ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް އޮފީހުގައި އޮތް ބައްދަލު ކުރެއްވުމުގައި ރާއްޖެއާއި މިސްރާ ދޭތެރޭގައިވާ ގާތް ގުޅުން މުސްތަގުބަލުގައި އިތުރަށް ފުޅާކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މިސްރުގެ ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިޞްރުގެ ސަރުކާރުން ދެއްވި ދައުވަތަކަށް ނައިބު ރައީސް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ޝުކުރު އަދާ ކުރައްވާ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ސުއެޒް ކެނަލް ފުރިހަމަކުރެއްވުނު ކަމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި، މިޞްރާއި، މިޞްރުގެ އަވަށްޓެރި ޤައުމުތަކުގެ ތަރައްޤީގައި ސުއެޒް ކެނަލްގެ ދައުރު ވަރަށް މުހިންމު ވާނެ ކަމަށެވެ.

މިޞްރުގެ ރައީސްގެ ހާއްސަ މަންދޫބު ދެއްކެވި ވާހަކަފުޅުގައި، ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗްކޮޅުގައި ދިމާވި ހިތާމަވެރި ހާދިސާގައި އެމަނިކުފާނުގެ ދެކަނބަލުންނާއި ލޯންޗްކޮޅުގައި ދަތުރުކުރެއްވި ބައެއް އެހެން ބޭފުޅުން ޒަޚަމްވެފައިވާތީ، މިޞްރުގެ ރައީސާއި، ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ހިތާމައިގެ މި ދަނޑިވަޅުގައި މިޞްރުގެ ރައްޔިތުން ތިބީ ރާއްޖެއާއެކުގައި ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އ.ދ.ގެ ސެކިއުރިޓީ ކައުންސިލްގެ ވަގުތީ މެންބަރުކަމަށް މިޞްރުގެ ފަރާތުން ކުރިމަތިލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިޞްރުގެ ރައީސް އަލްސީސީ ފޮނުއްވި ސިޓީފުޅެއް އެރުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިސިޓީފުޅު ޤަބޫލުކުރައްވައި، މި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ނިއުޔޯކްގައި އޮންނަ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ވޯޓުގައި ރާއްޖެއިން މިޞްރަށް ތާޢީދުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.