ހަބަރު

ފެންބޯސާގެ 7 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަން ނިންމައިފި

Oct 5, 2015

ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމެންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެންބޯސާ) ގެ ހަތް ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަން ނިންމައި، ބައްދަލުވުމުގެ ތީމް ކަނޑައަޅައިފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ އިލެކްޝަންސް ގެ ދާއިރާ ހަރުދަނާ ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ މި ބައްދަލުވުމުގެ ތީމަކަށް އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ "ޔޫސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ފޮ ކްރެޑިބަލް އިލެކްޝަން" ނުވަތަ އިތުބާރު ހިފޭ އިލެކްޝަނަކަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމެވެ. 

މިމަހުގެ އެކަކުން ދޭކަށް ކޮލަމްބޯގައި ބޭއްވި ހަވަނަ ފެންބޯސާ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަހުމަދު ސުލައިމާނު ވިދާޅުވީ، ފެންބޯސާގެ ބައްދަލުވުމަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ އިލެކްޝަންތަކަކީ އިތުބާރު ހިފޭ، ފުރިހަމަ އިލެކްޝަންތަކަކަށް ހެދުމަށް މުހިއްމު ދައުރެއް އަދާ ކުރާ ޖަމިއްޔާއެއް ކަމަށެވެ. 

ކޮލަންބޯގައި މިދިޔަ ބުރާސްފަތު ދުވަހު "އެނޮޓޮޮމީ އެންޑް އިންޑިޕެންޑެންސް އޮފް އިލެކްޝަންސް ބޮޑީސް" ޝިއާރުގެ ދަށުން ފެށި ބައްދަލުވުމުގައި މަޝްވަރާ ކޮށް އަންނަ އަހަރާއި ހަމަޔަށް ގައުމުތަކުން ކުރަން އެއްބަސްވި ކަންކަން:

- މިނިވަން އިންސާފުވެރި އިންތިހާބެއް ކުރިއަށްދާއިރު ޖުޑިޝަރީގެ ދައުރު ފުޅާކުރުން

- އިންތިހާބުތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުން

- ފްރީ އެންޑް ފެއާ އިލެކްޝަނެއް ހިންގުމަށް ދިމާވާ ގޮންޖެހުންތައް ނައްތާލަން ކުރަންޖެހޭ ކަންކަން ގައުމުތައް ގުޅިގެން ކުރުން

- އިންތިހާބު ބާއްވާ އިލެކްޝަން ބޮޑީސްތަކުން އިންތިހާބު ބޭއްވުމުގެ ކުރިން ސްޓްރެޓެޖިކް ޕްލޭނެއް ހެދުމާއި ޕްލޭންތައް ހެދުމުގައި ގައުމުތަކުގެ ލަފާ ހޯދުން

- އިންތިހާބުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކޮށް، އެފަރާތްތަކުގެ ހައްގުތަށް ކަށަވަރުކުރެވޭނެ ގޮތްތައް ހޯދަން މަސައްކަތް ކުރުން

- އިންތިހާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުން

 

އެ ކަންތައްތަކުގެ ތެރެއިން ރާއްޖެއިން އިސްވެ ކުރަން ނިންމާފައި ވަނީ މައިގަނޑު ތިން ކަމެކެވެ.

އެއީ އިންތިހާބުތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، ނޭޕާލާއި ބޫޓާނާއެކު އިންތިހާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމުގެ އިތުރަށް، އަފްޣާނިސްތާނާއި ގުޅިގެން އިލެކްޝަންސް ގެ ސްޓްރަކްޗާ ވަރުގަދަ ކުރުމެވެ.

މީގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި އިންތިހާބުތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި ރާއްޖެ އޮތީ ސަރަހައްދީ ގައުމުތަކަށްވުރެ ކުރީގައި ކަމަށް އީސީގެ ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ 8 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ.

މިފަހަރުގެ މިބައްދަލުވުމުގެ ރިޔާސަތާއި ހަވާލު ވެފައިވަނީ ސްރީލަންކާއިންނެވެ. ޗެއާ ކުރައްވާފައިވަނީ ނޭޕާލްގެ ޗީފް ކޮމިޝަނަރު ދޮލަކް ބަހަދުރު ކުރުންގު އެވެ.

ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާނާއި، ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަލީގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރު ފާތިމަތު ނަތާޝާ އެވެ.

އަންނަ އަހަރު ބާއްވާ މި ބައްދަލުވުން ބާއްވަނީ 1.7 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.