ހަބަރު

ރައީސްގެ ސެކިއުރިޓީ އިންޗާޖް މަގާމުން ދުރުކޮށް، އެސްޕީޖީއަށް ބަދަލު ގެނެސްފި

Oct 5, 2015

ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަމަޖައްސާފައިވާ އެސްޕީޖީ ގްރޫޕްގެ ފޯމޭޝަންއަށް ބަދަލުތަކެއް ގެނެސް، އެ ގްރޫޕްގެ ކޮމާންޑަރަކަސް ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) އެހެން މަގާމަކަށް ބަދަލުކޮށް އެ މަގާމަށް އާ ބޭފުޅަކު އިސްކޮށްފި އެވެ.

ރޭންކްތަކަށް ގެނައި ބަދަލާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން އެއްޗެއް ބުނަން ދެކޮޅު ހެދި އެވެ. އެހެން ނަމަވެސް ސިފައިންގެ ބައެއް އޮފިޝަލުން މިއަދު ވިދާޅުވީ ޕާޕާ ބަދަލުކޮށްފައި ވަނީ މާލޭ އޭރިއާގެ ކޮމާންޑަރަކަށް ކަމަށެވެ. އަދި އެސްޕީޖީ ދެބަޔަކަށް ބަހާލައި ރައީސްގެ ސެކިއުރިޓީ ގްރޫޕްގެ ބޮޑަކަށް ހަމަޖެއްސީ ގިނަ ދުވަސްތަކެއް ވަންދެން އެ ދާއިރާގައި މަސައްކަތް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއް ކަމަށްވާ ކާނަލް އިބްރާހިމް ރަޝީދު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ ސެކިއުރިޓީ އަށް ބަދަލުތައް ގެންނަނީ ލޯންޗްގައި އެއްޗެއް ގޮވުމުގެ ހާދިސާއަށް ފަހު އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ބަލައި ދިރާސާ ކުރުމަށް ރައީސް އުފެއްދެވި ކޮމިޝަންގެ ލަފާގެ މަތިންނެވެ.

ރައީސް އާއި އަނބިކަބަލުން އަދި ސަރުކާރުގެ އިސް އޮފިޝަލުން ތިއްބެވި ރިޔާސީ ލޯންޗް ފިނިފެންމަލުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ވަގުތު ރައީސްގެ ބޮޑީގާޑުންނާއި ސަލާމަތީ ފަރާތްތަކުން އަމަލު ކުރި ގޮތުން ސިފައިންނަށް ވަނީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ހައްޖުގެ ދަތުރުފުޅަށް ފަހު އެއާޕޯޓުން މާލެ އައިސް، ރަސްމީ ފާލަމަށް ލޯންޗް ކައިރި ކުރަން އުޅެނިކޮށެވެ. އެ ގޮވުމުގެ ސަބަބުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކުގެ ފަސްތަނަކަށް ވަނީ ގެއްލުންވެފަ އެވެ. މީގެ އިތުރުން ރައީސްގެ ސެކްރެޓަރީ އަދި ޕްރޮޓޮކޯލް ހެޑާއި ރައީސް ބޮޑީގާޑެއްގެ އެކިތަންތަން ފިހި ޒަހަމްވެ އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. މެޑަމް އަށް ވެސް އަންނަނީ ފަރުވާދެމުންނެވެ.