ވިޔަފާރި

މެކްސްކޮމް އިން ވާވޭގެ ޕީ40 ޕްރޯ ރާއްޖެއަށް

Jul 29, 2020
4

މެކްސްކޮމް ޓެކްނޮލޮޖީސް އިން ވާވޭގެ "ޕީ40 ޕްރޯ" ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

މެކްސްކޮމްގެ ސީނިޔަ މެނޭޖަރު މުހުތާރު މުހައްމަދު ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރު ވިއްކަމުން ގެންދާ "ޕީ40 ޕްރޯ" އަކީ ޒަމާނީ ޓެކްނޮލޮޖީ ހިމައިގެން، ފަސޭހަ ވާނެ އެތައް ސިފަތަކެއް އެކުލެވިގެންވާ ފޯނެއް ކަމަށެވެ. އަދި މި ފޯނު، ވާވޭ ފޯނުތަކަށް ލޯބި ކުރާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ.

"ތަފާތު އެކި އިންސްޓޯލްމަންޓް ސްކީމް ތަކުން މި ފޯނު ލިބޭނެ. މީގެ އިތުރުން މި ފޯނު ގަތުމުން ވަރަށް ހާއްސަ އަގެއްގައި ޖީޓީ އަތުކުރީ ގަޑިއެއް ވެސް ލިބޭނެ. މި ގަޑިއަކީ ދުވާ މީހުންނާއި މޫދަށް އެރި އުޅޭ މީހުންނަށް ހާއްސަ އެއްޗެއް،" މުހުތާރު ވިދާޅުވި އެވެ.

ވާވޭގެ މި ފޯނަކީ، 5 ޖީ ޓެކްނޮލޮޖީ ސަޕޯޓް ކުރާ ފޯނެކެވެ. މި ފޯނު ތައްޔާރު ކޮށްފައިވަނީ މެޓަލް އެންޑް ގްލާސް އިންނެވެ. ފޯނުގެ ސްޓޯރޭޖުގައި 250 ޖީބީގެ ސްޓޯރޭޖް ހުރެ އެވެ. އަދި އަށް ޖީބީގެ ރެމްއެއް ވެސް ހުރެ އެވެ. ކެޕޭސިޓީގެ ގޮތުން ބެލިނަމަވެސް މިއީ އަވަހަށް ފުރޭނެ ފޯނެއް ނޫނެވެ. އަދި މި ފޯނުގެ ސައިޒަކީ 6.58 އިންޗި (16.71 ސެންޓީމީރު) އެވެ.

ވާވޭގެ ޕީ40 ޕްރޯ ފޯނުގެ އެންމެ ހާއްސަ އެއް ސިފައަކީ ކެމެރާ އެވެ. މި ފޯނުގެ ކުރިމަތީ ކެމެރާގައި 32 މެގަ ޕިކްސެލް ހުރެ އެވެ. މިއީ ޕްރޮފެޝަނަލް ފޮޓޯގްރަފަރުންނަށް ހާއްސަ ފޯނެކެވެ. މިއީ ވޯޓާ ޕްރޫފް އަދި ޑަސްޓް ޕްރޫފް ފޯނެކެވެ.

ފޯނުގެ އަނެއް ހާއްސަ ސިފައަކީ ވާވޭ ފޯނުތަކުގައި ހިމެނޭ ޗާޖު ކުރުމުގެ ގާބިލް ކަމެވެ. މީގައި އިންނަނީ 4200 އެމްއޭއެޗް ބެޓެރި އެވެ. މި ފޯނު ވެސް 30 މިނެޓުން ފޯނުގެ 70 ޕަސެންޓް ޗާޖު ކޮށްލާނެ އެވެ. އަދި މި ފޯނުގައި ވެސް ރިވާސް ޗާޖިން ހިމެނެ އެވެ.

މެކްސްކޮމް އިން ވާވޭގެ ޕީ40 ޕްރޯ ވިއްކަނީ 15،800ރ. އަށެވެ. މި ފޯނުގެ އިތުރުން ވާވޭގެ އަގު ހެޔޮ ރޭންޖުތަކުގެ ފޯނުވެސް އެ ކުންފުނިން ވިއްކަ އެވެ.