ހަބަރު

ފުލުހުނަށް ގެއްލުން ދެނީ ކޮންބައެއް ކަން އޮޅިފައެއް ނެތް: ޣައްސާ

Jul 29, 2020
2

މަގުމަތީގައި ކުރެވޭ ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކުގެ ތެރޭގައި ފުލުހުންނަށް އިހުތިރާމު ނުކޮށް ހަމަލާދިނުން ފަދަ ބަލައި ނުގަނެވޭ އަމަލުތައް ހިންގަނީ އެމްޑީޕީން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ މުޒާހަރާ ކުރަމުން ދަނިކޮށް ބަޔަކު ވަނީ ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑާއެކު ޖަހައިފަ އެވެ. އެ ދެ ފުލުހުންގެ ފޮޓޯއާއެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އެ ކަމެއް ކުރި ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މަންޒަރު މީޑިއާގެ އެއްވެސް ވީޑިއޯ އަކުން އަދި ފޮޓޯއަކުން ވެސް ފެނިފައެއް ނުވެއެވެ.

މުޒާހަރާގެ ތެރެއިން ކުޅިޖެހި މައްސަލަ އާއެކު އިދިކޮޅު ކޯލިޝަނަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝީޔާމް ވިދާޅުވީ އެއީ ރާވައިގެން އެހެން ބަޔަކު ކުރި ކަމެއް ކަމަށާއި އިދިކޮޅު ކޯލިޝަނުން މިފަދަ އަމަލެއް ނުހިންގާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން އެ ކަން ކުށްވެރިކުރަމުން ޓްވީޓްތައް ކުރައްވަމުން ދަނިކޮށް، ޣައްސާން ކުރެއްވި ޓްވީޓެއްގައި ހިއްސާ ކުރެއްވީ މީގެ ކުރިން 2004 ވަނަ އަހަރު އެމްޑީޕީން ކުރި މުޒާހަރާއެއްގެ ތެރެއިން ބައިވެރިޔަކު ފުލުހަށް ހަމަލާދޭ މަންޒަރު ހިމެނޭ ފޮޓޯ އެކެވެ.

އެ ޓްވީޓުގައި ޣައްސާން ވިދާޅުވީ، ފުލުހުންނަށް ފުރައްސާ ކުރުމާއި، އަނިޔާ ކުރުމާއި، ގާ އުކުމާއި، އަލިފާން ބޯޅަ އުކުމާއި، ފުލުހުންނަށް ވަޅިން ހަމަލާ ދީފައިވަނީ ކޮން ބަޔެއް ކަން ދިވެހި ރައްޔިތުންނަށް އޮޅިފައި ނުވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު ވެރިކަން ނިމުނު ދުވަހު ފުލުހުންނަށް ހަމަދޭން އޯޑަރު ކުރީ ކާކު ކަން ނޯޅޭނެ ކަމަށެވެ.

ދާދި ފަހުން ފުލުހުންގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ފުލުހުންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ސިފަ ކުރައްވައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި، "ފުލުހުން ސޯޓު ބުރި ލައްވަން" އުޅެނީ ކޮން ބައެއް ކަން ވެސް ރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ހިންގާ މުޒާހަރާތައް ކޮންޓްރޯލް ކުރަން ނުކުންނަ ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ކުރިމަތިލައި ހަމަނުޖެހުން ބޮޑުވެ ފުލުހުން ބާރުގެ ބޭނުން ކޮށްގެން މުޒާހަރާތައް ރުޅާލުމަކީ މީގެ ކުރިން ހިނގާފައިވާ ކަންކަމެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރެއާއި ރޭގައި އިދިކޮޅުން ކުރި މުޒާހަރާތައް ވެސް ފުލުހުން ރޫޅާލާފައިވެ އެވެ.