ހަބަރު

ދޮށީގެ މަސްވެރިކަމުގެ އެވޯޑް މިނިސްޓަރު ޝައިނީއަށް

Oct 6, 2015

އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން އެވޯޑު ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް ލިބިވަޑައިގެންފި އެވެ.

އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން އެވޯޑަކީ ދުނިޔޭގެ ދޮށީގެ މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތް ތަކަށް އެޖަމިއްޔާ ފަރާތުންދޭ ހާއްސަ އެވޯޑެކެވެ. މިނިސްޓަރަށް މި އެވޯޑް ހަވާލު ކުރީ، ބައިނަލްލަގުވާމީ ޕޯލް އެންޑް ލައިން ފައުންޑޭޝަން ފަރާތުން އިއްޔެ ތައިލެންޑުގައި، ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވީ އެމަނިކުފާނު މި އެވޯޑު ގަބޫލު ކުރަނީ ސަރުކާރާއި ދިވެހި މަސްވެރިންގެ ފަރާތުން ކަމަށާއި އެއީ މިދާއިރާގައި ކުރެވުނެ މަސައްކަތެއް ކުރެވިފައިވަނީ ޒަމާނުއްސުރެ ދިވެހި މަސްވެރިން ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމާއި ސަރުކާރުން ގެންގުޅޭ ތިމާވެއްޓާ ރައްޓެހި ސިޔާސަތުގެ ސަބަބުން ކަމަށްވާތީ ކަމަށެވެ.

ޝައިނީއަށް މި އެވޯޑު ލިބިފައިވަނީ ފިޝަރީޒް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން ދޮށީގެ މަސްވެރިކަން މުޅި ދުނިޔެއަށް ޕްރޮމޯޓް ކުރަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި ވާތީ އެވެ. މީގެ އިތުރުން ރާއްޖޭގެ މަހަށް ރަނގަޅު އަގު ހޯދާ ދެއްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ މިކަމުގައި ހޯއްދަވާފައިވާ ކާމިޔާބީ ތަކަކީ މިފަދަ އެވޯޑެއް އެމަނިކުފާނަކަށް ހައްގުވެގެންދިޔަ ކަންކަންކަމުގައި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން އިން ފާހަގަ ކުރިއެވެ.