ރައްޔިތުންގެ މަޖިލިސް

ހުރިހާ ކަމަކާ ބެހެންޏާ ކޮސްވެސްގޮވޭނެ: އުޝާމް

ގައުމުގަ ހިނގާ ހުރިހާ ކަމަކާ ބެހެން އުޅެންޏާ ބައެއް ފަހަރަށް ކޮސްވެސްގޮވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެންބަރުންނަށް ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމެޓީން ވަނީ ވީއައިއޭގައި ހިންގަމުންދާ ޑިއުޓީ ފްރީ ފިހާރަތަކުން ރީޓެއިލް ވިޔަފާރި ނުކުރުމަށް އެމްއޭސީއެލްއަށް އަންގާފައެވެ. ކޮމެޓީން އެފަދަ އެންގުމެއް އަންގާފައިވަނީ ޑިއުޓީ ފްރީ ފިހާރައަކުން ރީޓެއިލް ވިޔަފާރީގެ ތެރެއަށްވަދެ މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތް ފަށަން އުޅޭ ކަމަށް ބުނެ އެ ކޮމެޓީއަށް ހުށައެޅުނު ޝަކުވާއަކާއި ގުޅިގެންނެވެ.

އެ މައްސަލަ އެސްއޯއީ ކޮމެޓީއަށް ހުށައަޅާފައިވަނީ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދެވެ. އޭނާ ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ވީއައިއޭގައި ހިންގަމުންދާ ޑިއުޓީ ފްރީ ފިހާރައެއް ކަމަށްވާ "ދޮވެމި އެރައިވަލް ޝޮޕް" އިން ރީޓެއިލް ވިޔަފާރީގެ ތެރެއަށްވަދެ މުދާ ޑެލިވަރީ ކުރުމުގެ ހިދުމަތް ދޭން އިޝްތިހާރު ކުރަމުންދާ ކަމަށެވެ.

އެސްއޯއީ ކޮމެޓީން އެމްއޭސީއެލްއަށް އެންގި އެންގުމަށް ފާޑުވިދާޅުވަމުން މެންބަރު އުޝާމް ވިދާޅުވީ "ދޮވެމި އެރައިވަލް ޝޮޕް" އަކީ ޑިއުޓީފްރީ މުދާ ވިއްކާ ފިހާރަ އެއް ނޫން ކަމަށެވެ. އަދި އެތަނުގަ ވިއްކާ މުދަލަކީ ކަސްޓަމްސްއަށް ޑިއުޓީ ދައްކައިގެން ނެރެފަ ހުންނަ މުދާ ކަމަށް އުޝާމް ވިދާޅުވިއެވެ.

".. އެތަނުން ވިއްކާ މުދަލަށް ޖީއެސްޓީވެސް ދައްކަންޖެހޭ. ގައުމުގަ ހިނގާ ހުރިހާ ކަމަކާ ބެހެން އުޅެންޏާ ބައެއް ފަހަރަށް ކޮސްވެސް ގޮވޭނެ،" އެސްއޯއީ ކޮމެޓީގެ ނިންމުމަށް ފާޑުވިދާޅުވަމުން އުޝާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ އިމުން ބޭރުން އެތައް ކަމެއް ކުރަމުންދާ ކަމުގެ ޝަކުވާ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ގިނަ އާންމުންވެސް ކުރެއެވެ.