ވިޔަފާރި

ސްރީލަންކަންގެ ހާއްސަ ކާގޯ ބޯޓު ރާއްޖެއަށް

ސްރީލަންކަން އެއާލައިންސްއިން ދާދި ފަހުން ތައާރަފުކުރި އެ އެއާލައިނުގެ ހާއްސަ ކާގޯ ފްލައިޓުގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

ރާއްޖެއަށް ދަތުރުތައް ފެށުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމުން އެ ފްލައިޓަށް ވަނީ މަރުހަބާ ކިޔާފަ އެެވެ.

އަންނަ މަހުން ފެށިގެން ސްރީލަންކަންގެގެ ކާގޯ ދަތުރުތަކުން ޔޫރަޕްގެ ބޮޑެތި ސިޓީތައް ކަމަށްވާ، ލަންޑަން، ޕެރިސް، ފްރެންކްފާޓު، މިލާން އާއި ރާއްޖެ ގުޅާލާނެ އެވެ. އޭގެ އިތުރުން، ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން ދެ ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއަށް އެ ފްލައިޓު އުޕަރޭޓުކުރާއިރު، އެކަމުގެ ހެޔޮ އަސަރު ރާއްޖޭން އެކްސްޕޯޓު ކުރާ މުދަލަށް ކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިހާތަނަށް ސްރީލަންކަނުން ރާއްޖެއަަށް ކާގޯ ދަތުރުތައް ބާއްވަމުން އައިސްފައިވަނީ ފަސިންޖަރުން އުފުލާ ފްލައިޓުތަކުގަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް، ފަސިންޖަރުންނާއި މުދާ އުފުލުމުގައި ދިމާވަމުންދާތަކާ ގުޅިގެން ސްރީލަންކަންއިން ވަނީ މިދިއަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކާގޯ އުފުލާ ހާއްސަ މަތިންދާބޯޓަކާއެކު ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުތައް ފަށައިފަ އެވެ.