އަލްހާން ފަހުމީ

ސަރުކާރާ ވާދަވެރި ސިޔާސަތެއް އޮތީ ނަޝީދުގެ: އަލްހާން

Jul 30, 2020
2

މި ސަރުކާރާ ވާދަވެރި ސިޔާސަތެއް އޮތީ ރައީސް މުހައްމަދު ނަޝީދުގެ ކަމަށް ވިދާޅުވެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފާޑުވި ދާޅުވެއްޖެ އެވެ.

އަލްހާން މިހެން ވިދާޅުވީ އިހްލާސްތެރި ވާދަވެެރި ލީޑަރެއް ކަނޑައެޅުމަކީ ސިޔާސީ ވާދަވެރިންގެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު މިއަދު ޓްވިޓާގައި ވިދާޅުވީ އިހްލާސްތެރި ވާދަވެރި ލީޑަރަކު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށެވެ. އަދި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުވާން ބޭނުންތެރި ކަމަށެވެ.

"ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް މާ މުހިންމު!" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ފާޑުވިދާޅުވަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުގެ ކަމަށްވެސް ވާދަކުރައްވާ އަލްހާން ވިދާޅުވީ ހަގީގަތުގައި މި ސަރުކާރާ ވާދަވެރި ސިޔާސަތެއް އޮތީ ނަޝީދުގެ ކަމަށެވެ.

"ރައީސް ސޯލިހުގެ އަތްޕުޅުން ވެރިކަމުގެ ބާރު ދަމައިގަންނަންވެގެން ބަރުލަމާނީ އެކޭ އެބަ ވިދާޅުވޭ. އަދި ބަސްކިޔަން ފެށިއްސުރެ ދަންނަ އެއްޗެކޯ. އަމިއްލަ ވެރިކަމުގައި އެ ވާހަކަ ނުދެއްކެވީ ކީއްވެގެންތޯ؟،" އަލްހާން ސުވާލު ކުރެއްވިއެވެ.

އަލްހާން އެ އިޝާރާތް ކުރައްވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށެވެ. ނަޝީދު ރޭ ވިދާޅުވީ ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަކުރު އޮޅުންފިލީއްސުރެ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

"އަޅުގަނޑަށް އަކުރު އޮޅުންފިލީއްސުރެ، އަޅުގަނޑުގެ ދެކޭގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު،"

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަށް ސަރުކާރުގައި އެމަނިކުފާނު ވަރަށް ބޮޑަށް ދަނީ އެދެމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.