ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ލުއިތައް ނަގަން ޖެހިދާނެ ކަމުގެ އިޝާރާތެއް!

ލޮކްޑައުންގެ ހާލަތަށް ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްފަހު އެ ފިޔަވަޅުތަކަށް ލުއި ދީފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ވަނީ ދީފައެވެ. ނަމަވެސް މިފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެއަކީ އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 152 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހާލަތު ގޯސްވަމުންދާތީ މާސްކު އަޅައިގެން ނޫނީ ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 ފެށިގެން 5:00 އާ ހަމައަށް ބޭރުގައި އުޅޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މިރޭ ޓީވީއެމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައިވާ ކަމަށާ އެހެން ކަމުން ހާލަތު އިތުރަށް ގޯސްވާނަމަ މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ލުއިތަކަށް ބަދަލު ނުގެނެސް ބަލި ކޮންޓްރޯލް ކުރުމަކީ އަމާޒެއް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ލުއިތަކަށް ބަދަލު ނުގެނެސް ބަލި ކޮންޓްރޯލް ކުރެވޭނީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް އާންމު ރައްޔިތުން ބޯލަނބާ މިންވަރަކަށް ކަމަށެވެ.

"ހާލަތު ގޯސްވަމުންދާނަމަ ފިހާރަތައް އަދި ކެފޭތައްވެސް އަލުން ބަންދުކުރަން ޖެހިދާނެ. ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ދީފައިވާ ލުއިތަކަށް ބަދަލެއް ނުގެނެސް ބަލި ކޮންޓްރޯލްކުރުން،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިފަހުން ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދަނީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށެވެ. ކޮވިޑްގެ ނުރައްކާ ފިލައިގެން ނުދާ ކަމަށް ތަކުރާރު ކުރައްވާ އަމީން ވިދާޅުވީ އަލުން ލޮކްޑައުން އަކަށް ދިއުމަކީ އެކަމުން އެތައް ބަޔަކަށް ގެއްލުންވެ، އުނދަގޫތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އަލުން ފުލް ލޮކްޑައުންއަކަށް ދާން ނުޖެހުމަކީ އުންމީދެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އިތުރު ފިޔަވަޅުތައް އަޅަން ޖެހިއްޖެއްޔާ އެޅުން. ނަމަވެސް އަލުން ފުލް ލޮކްޑައުންއަކަށް ދާން ނުޖެހުން،"

ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި 5400 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮވިޑްގެ ދެވަނަ ރާޅެއް ރާއްޖެއަށް އަތުވެދާނެ ކަމުގެ އިޝާރާތްތައް ފެންނަން ފަށާފައިވާއިރު ޑރ. ޝީނާ މޫސާގެ ދެވަނަ ޕްރޮޖެކްޝަންގެ މައުލޫމާތު ރޭ ވަނީ ހާމަކޮށްފައެވެ. ޕްރޮޖެކްޝަން ދައްކާގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 5445 މީހަކަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތެވެ.