ހަބަރު

މައުމޫނަށް ރައީސްކަން ގެއްލޭ އިސްލާހަށް ތާއީދުނުކުރަން ޕީޕީއެމް އިން ނިންމައިފި

Oct 6, 2015

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް މަގާމު ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއިދު ނުކުރަން ޕީޕީއެމްގެ ޕީޖީ ގްރޫޕުން ނިންމައިފި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 15 ވަނަ މާއްދާއަށް އަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ، ޕާޓީތަކުގެ ހިންގުމުގެ އިސް މަގާމުތަކަށް އައްޔަންކުރާ ނުވަތަ އިންތިހާބުކުރާ ބޭފުޅުންގެ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ހިމެނުމަށް އިތުރު މާއްދާއެއް އެ ގާނޫނުގައި ހިމެނުމަށެވެ.

ނަމަވެސް އިއްޔެ ބޭއްވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ތްރީލައިން ވިޕެއް ނެރެފައި ވަނީ އެ ބިލަށް ތާއީދުނުކޮށް އެ ބިލް ބޭރުކޮށްލުމަށެވެ. އެ ބިލްގެ ފުރަތަމަ ކިޔުން މިހާރު ވަނީ މަޖިލީހަށް އިއްވައިފަ އެވެ. މިހާ އަވަހަށް އެ ބިލަށް ތާއީދު ނުކުރަން ތްރީލައިންވިޕެއް ނެރުނީ ޕީޕީއެމްގެ ޕީޖީގެ ބައެއް މެންބަރުން އެގޮތަށް ބާރު އަޅުއްވަން ފެއްޓެވުމުން ކަމަށް މެންބަރަކު ވިދާޅުވި އެވެ.

އާޒިމް އެ ބިލް ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި ބުނެފައި ވަނީ، ވެރިކަން ކުރާ އުމުރު ދާދިފަހުން މަޖިލީހުން ބަދަލުކޮށްފައި ވާތީ، އެ ގާނޫނު ވެސް އެ ބަދަލާ އެއްގޮތަށް އިސްލާހު ކުރުމެވެ. ވެރިކަން ކުރެވޭ އުމުރަކީ 32-65 އަހަރު ކަމަށް ގާނޫނު އަސާސީއަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މައުމޫނަށް ރައީސްކަން ގެއްލޭ އިސްލާހަށް ތާއީދުކޮށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެ އެވެ. އޭގެ ފަހުން ބޭއްވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާއަށް ދައުވަތު ދެއްވުމުން މައުމޫން ވަޑައިގެންފައެއް ވެސް ނުވެ އެވެ.