ދައުލަތުގެ އާމްދަނީ

ދައުލަތަށް ނުލިބި ހުރި 169 މިލިއަން ރުފިޔާ ހޯދައިފި

Aug 2, 2020
4

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 169 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ނުލިބި ހުރި ފައިސާ ހޯދަން ކުރާ މަސަައްކަތުގެ ދަށުން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި 169.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާ އިން ބުނި ގޮތުގައި ޑަނިންގް ޕޮލިސީގެ ދަށުން މިހާތަނަށް 64 މިލިއަން ރުފިޔާ ހޯދާފައި ވެއެވެ. އަދި ރިމައިންޑާ ކޯލްސް އާއި އީ-މެއިލް މެދުވެރިކޮށް ކުރި މަސައްކަތުން 71 މިލިއަން ރުފިޔާ ހޯދުނެވެ. މީގެ އިތުރުން ބޭންކް އެކައުންޓް ފްރީޒިން ޕޮލިސީގެ ދަށުން ދެ މިލިއަން ރުފިޔާ ހޯދުނު އިރު ޑިއުޒް ކްލިއަރަންސުގެ ގޮތުގައި 31 މިލިއަން ރުފިޔާ ހޯދުނެވެ.

އޮޑިޓް އަދި އިންވެސްޓިގޭޝަންގެ ގޮތުގައި 140 އޮޑިޓް ކޮށްގެން 114 މިލިއަން ރުފިޔާ އެ އޮތޯރިޓީން ހޯދި އެވެ. މިގޮތުން 60 ފަރާތެއްގެ އަތުން ޖީއެސްޓީގެ ގޮތުގައި 42 މިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 14 ފަރާތެއްގެ އަތުން ފަސް މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި 33 ފަރާތަކުން ވަނީ ޓެކްސް ދައްކަން އިއުތިރާޒުކޮށްފަ އެވެ. އޭގެ ތެރެއިން 13 މައްސަލައެއް ހައްލު ކުރި އެވެ.

އަހަރުގެ ފުރަތަމަ ކްއާޓަރުގައި އެއް މައްސަލައެއް މީރާއާ ދެކޮޅަށް ކޯޓުގައި ނިންމާފައިވެ އެވެ. ދެ މައްސަލައެއް މީރާ އިން ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އަދި 28 މައްސަލައެއް މީރާއާ ދެކޮޅަށް ދައުވާ ކޮށްފައިވެ އެވެ.

ރާއްޖޭގައި އިންކަމް ޓެކްސް ދައްކަން 31،738 މީހުން ރަޖިސްޓްރީކޮށްފައި ވެއެވެ. ޓީޖީއެސްޓީ އަށް 2،086 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވަނީ 12،343 ފަރާތެކެވެ. ގްރީން ޓެކުސް ދައްކަން 1،168 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވެ އެވެ. އެއާޕޯޓްސް ސާވިސް ޗާޖަށް 45 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާއިރު ބޭންކް ޕްރޮފިޓް ޓެކްސް ދައްކަނީ އަށް ފަރާތަކުންނެވެ.