ހަބަރު

ދިވެހި ރައްޔިތުކަން ދޫކޮށްލެވޭ އިޖުރާއަތު ހިމެނޭ ބިލާއިއެކު ހަތަރު ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި

Oct 6, 2015

ދިވެހިރައްޔިތުކަން ދޫކޮށްލެވޭނެ އިޖުރާޢަތުތައް ބަޔާންކުރުމުގެ ގޮތުން ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުގެ ބިލާއެކު ހަތަރު ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި އެވެ.

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅީ ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން ފީ ނެގުމާ ގުޅޭ ކަންކަން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގައި ހިމެނުމަށާއި، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާގުޅޭ އައު އުސޫލުތަކެއް ޤާއިމުކުރުމާއި، ބޭރުގެ ފަރާތްތަކުގެ އުޅަނދުތަކާއި، ބޭރު ޤައުމުތަކުގައި ރަޖިސްޓަރީކޮށްފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވޭނެ އައު އުސޫލުތައް ޤާއިމުކުރުމަށާއި، ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބަޔާންކުރާ ކަންކަން ތަންފީޛުކުރުމަށްޓަކައި އެކަންކަމާގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު ކަމާބެހޭ މިނިސްޓްރީއަށް ލިބިދިނުމަށެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކީ، އެ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގައި ހިމެނޭ ވަޒީރުންގެ ބަދަލުގައި ބައެއް ވުޒާރާތަކުން، މިނިސްޓަ ފޯ ސްޓޭޓް ނުވަތަ ޑެޕިއުޓީ މިނިސްޓާ ފެންވަރުގެ މަޤާމެއްގައި ހުރި ފަރާތެއް ޢައްޔަންކުރެވޭ ގޮތަށް ކައުންސިލް އެކުލެވިގެންވާގޮތް ބަދަލުކުރުމުގެ ގޮތުން ހުށަހަޅާ ބިލެކެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅުއްވީ، ދިވެހި މުޖްތަމަޢުގައި ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި، ބަލި މީހުން ބަލައި ބެލެހެއްޓުމުގެ މައިގަނޑު މަސްއޫލިއްޔަތު ޢާއްމުގޮތެއްގައި އަދާކުރަނީ އަންހެނުން ކަމުގައިވީނަމަވެސް، އަންހެނުން ބާރުވެރިކުރުވުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، އަންހެނުން ވަޒީފާ އަދާކުރުމަށް ނުވަތަ އިޤްތިޞާދީ މަސައްކަތްތަކަށް ނުކުތުމަކީ، އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ހުޅުވައިދެވޭ ފުރުޞަތެއް ކަމުގައިވާތީ، އާމްދަނީ ހޯދުމަށްޓަކައި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ނުކުންނައިރު، އެމީހުން ބަލަހައްޓަމުންދިޔަ ބުނެވިދިޔަ ގިންތީގެ ކުދީންނާއި މީހުން، ޑޭކެއަރގެ ޚިދްމަތް މެދުވެރިކޮށް ބެލޭނެ އިންތިޒާމު، އެކަންކުރުމަށް ބޭނުންވާބަޔަކަށް ހަމަޖެހިފައި އޮތުމާއި، ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، މީނުންނާއި، ބަލި މީހުން ބަލައި ބެލެހެއްޓުމަކީ، އެފަރާތްތައް ނިސްބަތްވާ ޢާއިލާގެ މައްޗަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށްވީނަމަވެސް، މި ޒިންމާއަކީ އިޤްތިޞާދީ ފުދުންތެރިކަމެއް ހޯދަން ބޭނުންވާ މީހަކު، އާމްދަނީއެއް ހޯދުމުގެގޮތުންވެސް ކުރާ މަސައްކަތަކަށް ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޤާނޫނު ބައްޓަންކުރެވިފައި ހުންނަންވާނީ އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނަށްވެސް، ހަމަހަމަގޮތެއްގައި އެ މަގު ފަހިވާނެފަދަ ގޮތަކަށް ކަމުގައިވުމާއި، ޢާއިލާގެ ޙަވާލުގައިވާ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، މީހުންނާއި، ބަލި މީހުން ގޭގައި ބަލައި ބެލެހެއްޓުމަށް އެކި ސަބަބުތަކާހުރެ ވަކި މީހަކު ހަމަޖެއްސެން ނެތް ޙާލަތްތަކުގައި، ޑޭކެއަރގެ ޚިދުމަތް ދޭ ތަނެއްގައި، ކުޑަކުދީންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި، މީހުންނާއި، ބަލި މީހުން ބެލުމަށް ހަމަޖެއްސުމުން، އެޚިދުމަތުގެ އަގު ދެއްކުމުގެ އިތުރުން ޓެކްސް ދައްކަންޖެހުމަކީ، ރާއްޖޭގެ ޢާންމު އިޖްތިމާޢީ އިޤްތިޞާދީ ޙަޤީޤަތްތަކަށް ބަލާއިރު އެންމެ ޢަދުލުވެރިގޮތް ކަމުގައި ނުފެންނާތީއެވެ.