ހަބަރު

ސްޓެލްކޯގެ ގިނަ މުވައްޒަފުންގެ ލޭގެ ޕްރެޝަރު މައްޗަށް!

Oct 6, 2015

ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ 14.9 ޕަސަންޓު އަންހެން މުވައްޒަފުން ލޭގެ ޕްރެޝަރު މަތި އަދި 27.6 ޕަސަންޓު ފިރިހެނުންގެ ލޭގެ ޕްރެޝަރު މަތި ކަމަށް އެކުންފުނީގެ މުވައްޒަފުންގެ ހެލްތު ސްކްރީން ރިޕޯޓުން ދައްކައިފި އެވެ.

ސްޓެލްކޯގައި 700 މުވައްޒިފުން އުޅެ އެވެ. އެންމެންގެ ހެލްތް ސްކްރީނިން ހަދައި ރިޕޯޓެއް ހެލްތް މިނިސްޓްރީ ނެރުނު ރިޕޯޓް ދައްކަ ގޮތުން ކުންފުނީގެ ގިނަ މުވައްޒިފުންނަކީ ކަސްރަތުކުރާ އަދި އާދައިގެ ސިއްހަތެއް ބައެއް ކަމަށް ދެއްކި ނަމަވެސް އަންހެން މުވައްޒަފުންގެ 14.9 ޕަސަންޓަކީ ލޭގެ ޕްރެޝަރު މަތި މީހުންނެވެ. އަދި ފިރިހެން މުވައްޒަފުންގެ 27.6 ޕަސަންޓަކީ ލޭގެ ޕްރެޝަރު މައްޗަ ގޮސްފައިވާ މީހުންނެވެ.

ސްޓެލްކޯގެ ފިރިހެން މުވައްޒިފުންނަށްވުރެ ގިނަ އަންހެން މުވައްޒިފުންގެ ބަރުދަން މަތިކަމަށް ރިޕޯޓް ބުނާ އިރު ފިރިހެން މުވައްޒަފުންގެ ތެރެއިން 5.7 މީހުންގެ ހަކުރު މައްޗެވެ. އަދި އަންހެން މުވައްޒަފުންގެ ތެރެއިން 2.1 މީހުންނަކީ ހަކުރު މަތި މީހުންނެވެ.

ސްޓެލްކޯގެ ފިރިހެނުން ގިނައިން ސޮފްޓް ޑްރިންކް ބޭނުކޮށް ތަރުކާރީ ކާއިރު އަންހެނުން މޭވާ ކައެވެ. އަދި މުވައްޒަފުންގެ ތެރެއިން ގިނަ ފިރިހެން މުވައްޒަފުންނަކީ ދުވާލަކު އެއް ފޮޓަށްވުރެ ގިނައިން ސިނގިރޭޓް ބޯ މީހުންނެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ހެލްތް ސްކްރީނިން ރިޕޯޓާއި ބެހޭގޮތުން ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މިފަދަ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަކީ މަސައްކަތް ކުރާ މީހުންގެ ސިއްހީ ހާލަތު ހުރިގޮތް ދެނެގަތުމާއި އަދި ސިއްހީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކުރެވިދާނެ ކަން ކަން ދެނެގަނެ އެކަންކަން މުވައްޒިފުންގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

"ދުވަހުން ދުވަހަށް ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއި މަސައްކަތް ތަކަށް ބަދަލު އާދޭ. އެހެން ކަމުން މުވައްޒިފުންގެ ސިއްހީ ހާލަތު ހުރީ ރަނގަޅަށް ކަން ބަލައި އެކަން ރަނގަޅު ކުރެވޭނެ ގޮތްތަށް އެމީހުންގެ ސަމާލުކަމަށް ގެނައުން މުހިންމު،" އިރުތިޝާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އަދި އަމިއްލަ ކުންފުނި ތަކުންވެސް އެމިނިސްޓްރީ އާ ގުޅިވަޑައިގެން މި ރިޕޯޓު ހެދުން މުހިންމު ކަމަށާއި އަދި މީގެ ސަބަބުން މުވައްޒިފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ.

މިއަދު ނެރުނު ސްޓެލްކޯ މުވައްޒިފުންގެ ހެލްތް ސްކްރީން ރިޕޯޓުވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރާ ހަވާލުކޮށްފަ އެވެ.