ހަބަރު

އުމުރުން ދުވަސްވީ މީހުނަށް ހާއްސަ މަރުކަޒެއް ހަދަނީ

Oct 6, 2015

އާއިލީ އެހީތެރިކަމުން މަހުރޫމުވާ އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ މަރުކަޒެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ސިޔާސަތު ވެލިޑޭޓް ކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އޭޖީ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ނުވަޕަސެންޓަކީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އެމީހުންގެ ހައްގުތައް ކަށަވަރު ކޮށްދީ، އެމީހުންގެ ދިރިއުޅުމުގެ ބާކީ އޮތް ބަޔަކީ ރައްކާތެރިކަމާއި، ހިތްހަމަޖެހުމާއެކު ވޭތުކުރާ ބަޔަކަށް ހެދުމަކީ މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.

"އަހަރުތަކެއް ވަންދެން އަޅުގަނޑުމެންގެ ތެރޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބަމުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކޮށްފައިވާ މަރުކަޒުގައި. އެހެން ނަމަވެސް އެމީހުންނަށް އެނޫން މާހައުލެއް ފޯރުކޮށްދޭން ޖެހޭ. މިއަދު މި އެކަށައަޅާ ސިޔާސަތުގައި މިކަން ފުރިހަމަ ކުރަން ކުރާނެ ކަންކަން ހިމަނަން އަޅުގަނޑުމެން ވިސްނަން،" އޭޖީ އަނިލް ވިދާޅުވި އެވެ.

އޭޖީ ވިދާޅުވީ ރާއްޖެ އަންނަން އޮތް ޖީލުތަކަށް ސައްހަ ގޮތުގައި ފޯރުކޮށްދެވޭނީ އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާ ލިޔެ ރައްކާ ކޮށްގެންނެވެ. އެހެންކަމުން އެމީހުންގެ ތަޖުރިބާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

"އަންނަން އޮތް ޖީލުތަކަށްޓަކައި މިއަދު ކުރަން ޖެހިފައިވާ ކަމެއް ދުވަސްވީ މީހުންގެ ތަޖުރިބާ ރިކޯޑުކުރަމުން ދިއުމަކީ. ލިޓްރޭޗާތައް އުފެއްދުން. އެކި އެކި ދާއިރާތަކުގައި ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅުން އެބަތިބި އަޅުގަނޑުމެންގެ ތެރޭގައި. އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ދުވަސްވުމުގެ ސަބަބުން އެކަހެރިކުރެވިފައި ތިބި މީހުން. އެމީހުންނަށް އެހެންމީހުންނެކޭ އެއްވަރަށް ހައްގުތަކެއް ލިބިގެންވޭ،" އޭޖީ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، އެފަރާތްތަކަށް ގާނޫނުން ލިބިދޭ ހައްގުތަކަކީ ކޮބައި ކަމާއި، އެކަންކަން ކުރާގޮތް މޮނިޓާ ކުރެވޭނެ ސިޔާސަތެއް ގައުމީ ފެންވަރުގައި އެކުލަވާލަންޖެހެއެވެ. އެގޮތުން މިއަދު އެކުލަވައިލާ ޕޮލިސީގައި ގާނޫނުން ލިބިދޭ ހައްގުތައް ކަށަވަރުކުރަން ކަމާއި ބެހޭ ފަރާތްތަކަށް ލާޒިމް ކުރާ ގިނަ ކަންކަން ހިމަނާފައިވާނެ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

ސިޔާސަތުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވާ ކަންތައްތައް:

އޭގީ ވަނީ އާއިލާއާއި ބެހޭ ގާނޫނުން، އާއިލާތަކަށް ލާޒިމްކުރާ ލޯޯތްބާއި ކުލުނު އެ އާއިލާތަކުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދިނުމަށް ގޮވާލައްވާފައެވެ.