ހަބަރު

ދަތިކުރުމުގެ ފިޔަވަޅުގެ ވާހަކަ ދައްކަނީ ނުތަނަވަސްކަން އުފައްދަން: މުއާޒު

Oct 6, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ނުކުރާ ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެކަން ކުރަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދަން ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނަޝީދުގެ ބަންދަކީ ގާނޫނާ ހިލާފު ބަންދެއް ކަމަށް ބުނެ މައްސަލަ ނިންމުމާ އެކު އެމަނިކުފާނުގެ ބޭރުގެ ގާނޫނީ ވަކީލުން އިއްޔެ ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ދެކޮޅަށް ބޭރުގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ނަޝީދު ސަލާމަތް ނުކޮށްފި ނަމަ އެ ފިޔަވަޅުތަކާ ރާއްޖެއަށް ކުރިމަތިވާނެ ކަމަށް ވަކީލުން ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން މުއާޒު ވިދާޅުވީ، ރައީސްގެ ކޮންމެ ނިންމުމެ ވެސް ބިނާވެފައި ވާނީ މުޅި ގައުމުގެ މަސްލަހަތަށް ކަމަށެވެ. އަދި ވަކި ފަރުދަކަށް ވަކި ހާއްސަ ގޮތަކަށް ކަންތައްތައް ކުރުމުގެ ވިސްނުމެއް ރައީސް ނުގެންގުޅުއްވާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. އަދި އެކަން ރައީސް ކުރައް ވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަދި މިހާތަނަށް އެއްވެސް ގައުމަކުން ރާއްޖެއަށް ފިޔަވަޅެއް އަޅާނެ ކަމުގެ އިޝާރާތެއް ކޮށްފައެއް ނެތެވެ.

"މީގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުން. ގައުމަކާ މެދު ފިޔަވަޅު އަޅާނެ އުސޫލުތަކެއް ވެސް ހުރޭ. ގޮތްތަކެއް ވެސް ހުރޭ. ރާއްޖެއަށް ފިޔަވަޅު އަޅަނިއްޔޭ މިހެން މި ދައްކާ ވާހަކައިގެ ބޭނުމަކީ ބިރުވެރިކަމެއް އުފެއްދުން،" މުއާޒު ވިދާޅުވެފައިވެ އެވެ.