ހަބަރު

ވިޝާމް އާއި ހަނާ ފުރުން މަނާކޮށް ބަންދުން ދޫކޮށްފި

Oct 6, 2015

ޑްރަގާ އެކު ހައްޔަރު ކުރި އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް އާއި އޭނާގެ އަނބިކަނބަލުން ޕީޖީގެ ލޯޔަރު ހަނާ ވަހީދު ފުރުން މަނާކޮށް އެ ދެ މީހުން ގޭ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ފަސް ދުވަހުގެ ގޭ ބަންދުގެ މުއްދަތު އިއްޔެ ހަމަވުމުން އެ ދެމަފިރުން ކޯޓަށް ހާޒިރު ކުރުމުން، ގޭ ބަންދުން ދޫކޮށްލާ ފުރުން މަނާކޮށްފައިވާ ކަމަށެވެ.

މި ދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ދެ މަފިރިން ދިރިއުޅޭ، މ. ހަނީ ޑިއު، ފާސްކުރި އިރު އެ ގޭގެ ތެރެއިން ބަނގުރަލާއި ހޭޝް އޮއިލް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައިގައި ވިޝާމް މަގާމުން ވަކި ކުރި އިރު، ހަނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ވިޝާމް އަކީ ވަރަށް ގިނަ ބޮޑެތި ކޭސްތަކެއްގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، އޭނާގެ އަނބިކަނބަލުން ހަނާ އަކީ ޕީޖީގެ ސީނިއާ ޕްރޮސިކިއުޓަރެކެވެ. އަދި އދ ގެ އާބިޓްރަރީ ޑިޓެންޝަންގައި ކުރިއަށްދިޔަ ނަޝީދުގެ މައްސަލައިގައި ވިޝާމްގެ ދައުރު ވަރަށް ބޮޑެވެ. އޭނާ އެސިސްޓެންޓް އޭޖީ އަކަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ.