ހަބަރު

ނައިބު ރައީސްގެ ދެ ބޮޑީގާޑުން މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

Oct 6, 2015

ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީ ގާޑުން ކަމަށްވާ، ސާޖަންޓު ހަސަން ރިކާޒާއި ކޯޕްރަލް އަހުމަދު އާމިރު ސިފައިންގެ މަސްއޫލިއްޔަތުތަކުން އެއްފަރާތްކޮށްފި އެވެ. ނަމަވެސް ސިފައިން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުުބުނެ އެވެ.

ނައިބުގެ ބޮޑީ ގާޑުންގެ ގޮތުގައި ހަރަކާތްތެރިވާ، ރިކާޒާއި އާމިރު ސިފައިންގެ މަސްއޫލިއްޔަތުތަކުން އިއްޔެ އިން ފެށިގެން ދުރުކުރިކަން ސިފައިންގެ ބައެއް ފަރާތްތަކުން އަވަސް އަށް ކަށަވަރު ކޮށްދިނެވެ. އަދި ނައިބު ރައީސްގެ ބޮޑީގާޑުންނަށް މިހާރު ވަނީ އާ ބަޔަކު ހަމަޖައްސާފައި ކަމަށް އެނގިފައިވެއެވެ. އެހެން ނަމަވެސް އެ ބަދަލު ގެނައީ ކީއްވެ ކަމެއް ނުބުނެ އެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެ ބަދަލު ގެނައީ ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުތަކާ ގުޅިގެންނެވެ.

އެ ހާދިސާއަށް ފަހު ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ލަފާގެ މަތިން ރައީސްގެ ސެކިއުރިޓީ އިންޗާޖަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒު ޕާޕާ ވަނީ އެ މަގާމުން ދުރުކޮށް، މާލޭ އޭރިއާގެ ކޮމާންޑަރަށް ހަމަޖައްސައިފަ އެވެ. އަދި އެސްޕީޖީ ގްރޫޕް ބައިކޮށް ރައީސްއަށް ހާއްސަ ސެކިއުރިޓީ ޔުނިޓެއް ވަނީ ގާއިމް ކޮށްފަ އެވެ. އެ ޔުނިޓްގެ ބޮޑަކަށް ހަަމަޖެއްސީ ކުރީގެ ރައީސުންގެ ސަލާމަތީ ކަންކަމުގައި އިސްކޮށް އުޅުއްވި، އިސް އޮފިސަރެއް ކަމަށްވާ، ކާނަލް އިބްރާހިމް ރަޝީދު އެވެ. އަދި އެސްޕީޖީގެ ބޮޑަކަށް ހަމަޖެއްސީ ކާނަލް އަބްދުއްރަހީމެވެ.

ރައީސް އާއި އަނބިކަބަލުން އަދި ސަރުކާރުގެ އިސް އޮފިޝަލުން ތިއްބެވި ރިޔާސީ ލޯންޗް ފިނިފެންމަލުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ވަގުތު ރައީސްގެ ބޮޑީގާޑުންނާއި ސަލާމަތީ ފަރާތްތަކުން އަމަލު ކުރި ގޮތުން ސިފައިންނަށް ވަނީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ހައްޖުގެ ދަތުރުފުޅަށް ފަހު އެއާޕޯޓުން މާލެ އައިސް، ރަސްމީ ފާލަމަށް ލޯންޗް ކައިރި ކުރަން އުޅެނިކޮށެވެ. އެ ގޮވުމުގެ ސަބަބުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކުގެ ފަސްތަނަކަށް ވަނީ ގެއްލުންވެފަ އެވެ. މީގެ އިތުރުން ރައީސްގެ ސެކްރެޓަރީ އަދި ޕްރޮޓޮކޯލް ހެޑާއި ރައީސް ބޮޑީގާޑެއްގެ އެކިތަންތަން ފިހި ޒަހަމްވެ އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. މެޑަމް އަށް ވެސް އަންނަނީ ފަރުވާދެމުންނެވެ.