ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓް ހަވާލުކުރުން ފަސްކޮށްފި

Oct 6, 2015

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ 15 ފްލެޓް ހަވާލުކުރުން އަންނަ ހަފުތާއަށް ފަސް ކޮށްފި އެވެ.

މިދިޔަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭން މަސައްކަތް ކުރާ 15 ފްލެޓް، އެފަރާތްތަކަށް ހަވާލުކުރަން ކުރިން ނިންމާފައި އޮތީ މި ދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ޖެންޑަ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ހުސައިން ޝަރީފު ވިދާޅުވީ، މިދިޔަ މަހުގެ ތެރޭގައި ފުލެޓް ހަވާލުކުރާ ގޮތަށް ކުރިން އޮތް ނަމަވެސް އެކަން ލަސްވީ، މި ފަހުން ކުރި ވިއްސާރައާއި، ޗުއްޓީ ދުވަސްވަރާ ވެސް ދިމާވުމުން ކަމަށެވެ. ނަމަވެސް ފްލެޓްތައް އަންނަ ހަފުތާގައި ހަވާލުކުރާނެ ކަމަށެވެ.

"15 ފްލެޓުގެ ތެރެއިން 13 ފްލެޓެއްގެ ފައިނަލް އެސެސްމަންޓް ނިންމާފައިވަނީ. އަނެއް ދެ ގޭގެ އެސެސްމަންޓް މިހާރު ކުރިއަށް އެބަދޭ. އެ ހުރިހާ މަސައްކަތެއް މި ހަފުތާ ތެރޭގައި ނިންމާނެ،" އޭނާ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަހަރަކު 15 ފުލެޓް ދޭން ސަރުކާރުން ނިންމީ 2013 ވަނަ އަހަރު އެވެ. ނަމަވެސް 2013 ވަނަ އަހަރު ފުލެޓް ހަވާލުކުރު ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކުން ގިނަ އަދަދަކަށް ޝަކުވާ ހުށަހެޅުމާއި ގުޅިގެން، ސަރުކާރުން އެންގީ 2014 ވަނަ އަހަރު ދޭން ނިންމި ފުލެޓުތަކަށް ލީ ފޯމުތައް އަލުން ރިވައިޒް ކުރުމަށެވެ. އެގޮތުގެ މަތިން ކުރިން ބޭނުންކުރި ފޯމުތައް އުވާލައި، މާކްސް ދިނުމުގެ އައު ގަވާއިދަކާއި އެކު އަލުން ފޯމުލާން އެންގި އެވެ.

ޖެންޑަ މިނިސްޓްރީން ބުނީ ފަހުން ތައްޔާރުކުރި ފޯމުތަކަށް ތިން ދާއިރާއަކުން މާކުސް ދީފައިވާނެ ކަމަށެވެ.

އެއީ:

މި ތިން ބަޔަށް ދޭން އޮތީ ޖުމްލަ 42 މާކްސް އެވެ. ކުރީގެ ފޯމުގައި މާކްސް ދޭން އޮންނަނީ އެންމެ ބައެކެވެ. އެ ބަޔަށް ދޭ ޖުމްލަ މާކުހަކީ 7 އެވެ

އާމިނަތު ހުސައިން ވިދާޅުވީ ފުލެޓް ހަވާލުކުރަން ދުވަސް ހޭދަވި ކަމުގައި ވިޔަސް، ފްލެޓް ދޭ 15 ފަރާތް ކަނޑައަޅާފައިވަނީ ވަރަށް އިންސާފުވެރިކޮށެވެ. މާކުސް ދިނުމުގައި ބޮޑަށް ބަލާފައިވާނީ ނުކުޅެދުންތެރިކަން ހުރި މިންވަރާއި ސީރިއަސްކަމުގެ މިންވަރުގެ މައްޗަށް ކަމަށް ވެސް އާމިނަތު ވިދާޅުވި އެވެ.