ހަބަރު

ލޯންޗްކޮޅުގެ ހާދިސާއާ ގުޅިގެން ސިފައިންގެ ދެ މީހަކު ހައްޔަރުކޮށްފި

Oct 6, 2015

ރައީސްގެ ރިޔާސީ ލޯންޗްގައި ހިނގި އެއްޗެއް ގޮވުމުގެ ހާދިސާއާ ގުޅިގެން ސިފައިންގެބަންޑާރަ ކޮށި ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް ސިފައިންގެ ބަޔަކު ހައްޔަރުކޮށްފި އެވެ. 

ނަމަވެސް ފުލުހުން އެކަމާ އެއްޗެއް ނުބުނެ އެވެ. އެނގިފައިވާ ގޮތުގައި ރޭ ބަންޑާރަ ކޮށި ފާސްކޮށް ހައްޔަރު ކުރީ ބަޑި ގުދަނަށް އެކްސެސް އޮންނަ ދެ ސިފައިންގެ މީހެކެވެ. ދެން ހައްޔަރު ކުރީ އިމިގްރޭޝަންގެ އޮފިސަރެއް ކަމަށް އެނގިފައިވެ އެވެ. އަދި އެ މީހުން ދިރިއުޅޭ ގެތައް ވެސް ބަލައި ފާސްކުރި އެވެ. 

އެ ހާދިސާޔާ ގުޅިގެން ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީ ގާޑުން ކަމަށްވާ، ސާޖަންޓު ހަސަން ރިކާޒާއި ކޯޕްރަލް އަހުމަދު އާމިރު ސިފައިންގެ މަސްއޫލިއްޔަތުތަކުން އިއްޔެ ވަނީ އެއްފަރާތް ވެސް ކޮށްފަ އެވެ. 

އެ ހާދިސާއަށް ފަހު ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ލަފާގެ މަތިން ރައީސްގެ ސެކިއުރިޓީ އިންޗާޖަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒު ޕާޕާ ވަނީ އެ މަގާމުން ދުރުކޮށް، މާލޭ އޭރިއާގެ ކޮމާންޑަރަށް ހަމަޖައްސައިފަ އެވެ. އަދި އެސްޕީޖީ ގްރޫޕް ބައިކޮށް ރައީސްއަށް ހާއްސަ ސެކިއުރިޓީ ޔުނިޓެއް ވަނީ ގާއިމް ކޮށްފަ އެވެ. އެ ޔުނިޓްގެ ބޮޑަކަށް ހަަމަޖެއްސީ ކުރީގެ ރައީސުންގެ ސަލާމަތީ ކަންކަމުގައި އިސްކޮށް އުޅުއްވި، އިސް އޮފިސަރެއް ކަމަށްވާ، ކާނަލް އިބްރާހިމް ރަޝީދު އެވެ. އަދި އެސްޕީޖީގެ ބޮޑަކަށް ހަމަޖެއްސީ ކާނަލް އަބްދުއްރަހީމެވެ.

ރައީސް އާއި އަނބިކަބަލުން އަދި ސަރުކާރުގެ އިސް އޮފިޝަލުން ތިއްބެވި ރިޔާސީ ލޯންޗް ފިނިފެންމަލުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ވަގުތު ރައީސްގެ ބޮޑީގާޑުންނާއި ސަލާމަތީ ފަރާތްތަކުން އަމަލު ކުރި ގޮތުން ސިފައިންނަށް ވަނީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ހައްޖުގެ ދަތުރުފުޅަށް ފަހު އެއާޕޯޓުން މާލެ އައިސް، ރަސްމީ ފާލަމަށް ލޯންޗް ކައިރި ކުރަން އުޅެނިކޮށެވެ. އެ ގޮވުމުގެ ސަބަބުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކުގެ ފަސްތަނަކަށް ވަނީ ގެއްލުންވެފަ އެވެ. މީގެ އިތުރުން ރައީސްގެ ސެކްރެޓަރީ އަދި ޕްރޮޓޮކޯލް ހެޑާއި ރައީސް ބޮޑީގާޑެއްގެ އެކިތަންތަން ފިހި ޒަހަމްވެ އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. މެޑަމް އަށް ވެސް އަންނަނީ ފަރުވާދެމުންނެވެ.