ހަބަރު

ބޭރުން ފިޔަވަޅެއް ނާޅާނެ، އެއީ ހަމަ ހުސް ވާހަކަތަކެއް: ސަފީރު

ނަޝީދުގެ މައްސަލައިގައި ރާއްޖެއަށް އެއްވެސް ގައުމަކުން ދަތިކުރުުމުގެ ފިޔަވަޅު ނާޅާނެ ކަމަށާއި އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ބެލްޖިއަމް އާއި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަ ދިވެހި ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނަޝީދުގެ ބޭރުގެ ގާނޫނީ ވަކީލުން މަސައްކަތް ކުރައްވަމުން އަންނަ މި ދަނޑިވަޅުގައި ބެލްޖިއަމްގެ ބްރެސަލްސްގައި ހުންނަވައިގެން، މިރޭ "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔޫއެންގެ ވޯކިން ގްރޫޕަކީ އެ ޖަމާއަތުގެ މައި ގުނަވަނެއް ނޫން ކަމަށާއި އެއީ ކަންކަން ބަލައި ގައުމުތަކަށް ލަފާދޭ ބައެއް ކަމަށެވެ. އަދި އެ ކޮމިޝަނުން މީގެ ކުރިން ވެސް އެކި ގައުމުތަކާ ދެކޮޅަށް ކަންތައްތައް ނިންމާފައި ހުރި ނަމަވެސް، އެއީ ގައުމަކަށް މަޖުބޫރު ކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ މެދުވެސް އަދި އެހެން ގައުމަކާ މެދުވެސް ގައުމުތަކުން ފިޔަވަޅެއް އަޅާނީ އދ ގެ ސެކިއުރިޓީ ކައުންސިލުން ނިންމައިގެން ނެވެ. އެއްވެސް ގައުމަކުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް މަސައްކަތެއް ނުކުރާ ކަމަށް ޝިއާން ވިދާޅުވި އެވެ.

"ފިޔަވަޅު އަޅާ އުސޫލުތަކެއް ވެސް އޮވޭ. މި އުޅެނީ އދ ގެ މައި ގުނަވަނަކުން ކަމެއް ނިންމައިގެނެއް ނޫން. އެހެން ގައުމުތަކަށް ވެސް ފިޔަވަޅު އަޅާނެ އުސޫލުތައް އެބަ އެނގޭ. އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ ދާހިލީ ކަމެއްގެ ސަބަބުން ފިޔަވަޅު އަޅާކަށް ނޫޅޭނެ. އަޅުގަނޑުމެންގެ ކަންކަން މި އުޅެނީ އީރާންއާ މިކަހަލަ ގައުމެއްގެ ކަންކަންހެން ވެގެނެއް ނޫން. އެ ހިސާބަކަށް ނުވެސްދާނެ،" ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީޔޫގެ ޕާލިމަންޓުން އަދި ގަރާރެއް ފާސްކުރުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. އެއީ އެފަދަ ގަރާރުތަކަކީ އަމަލު ކުރަން ޖެހޭ އެއްޗެއް ނޫންކަން ފާހަގަ ކުރައްވަމުން ޝިއާން ވިދާޅުވީ އީޔޫ އިން ގަރާރެއް ފާސްކުރުމަކުން ދޭދޭ ގައުމުތަކުން އަދި ފިޔަވަޅެއް ނާޅާނެ ކަމަށެވެ. ޝިއާން ވިދާޅުވީ މީގެ ކުރިން ވެސް އިޔޫ އިން އެފަދަ ގަރާރެއް ފާސްކުރިއަސް އޭގެ ސަބަބުން ރާއްޖެއަށް އެއްވެސް ފިޔަވަޅެއް ކުރިމައްޗެއް ނުވި އެވެ.

"މިފަދަ ގަރާރުތަކަކީ ޕީއާރު ކަންކަމުގެ ގޮތުގައި ބޭނުން މި ކުރަނީ. ޔޫކޭ ކޮންޒަވޭޓިވް ޕާޓީގެ ބޭފުޅުން ހިމެނޭ ވިންގަކުން މި ގަރާރު މި ހުށަހަޅީ. ކުރިން ވެސް ހުށަހެޅި. މިއީ ހަމަ ގޮވާލުމެއް. އަދި ފިޔަވަޅު އަޅާކަށް ނިންމުމެއް ނޫން،" ސަފީރު ވިދާޅުވި އެވެ.

"އެބޭފުޅުން މި ބުނަނީ ވަކި ގައުމުތަކާ ވާހަކަ ދައްކައިގެން އެކަން ކުރެވޭތޯ އެބަ ބަލަމޭ. މިއީ ހަމަ އެބޭފުޅުން ޕީއާރަށް ދައްކަވާ ވާހަކަތައް. މި މަސައްކަތް އެބޭފުޅުން ކުރައްވާތާ ކިތަންމެ ދުވަހެއް. އެކަމަކު އެއްވެސް ގައުމަކުން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ގެންގުޅެފައެއް ނެތް،" ޝިއާން ވިދާޅުވި އެވެ. "ދުނިޔޭގެ ގައުމުތަކަކީ ވެސް ކަންކަން އިނގޭ ފަރާތްތައް. އެބޭފުޅުން މިކަމާ އުޅުއްވިޔަސް އަދި މިކަމެއް ކާމިޔާބުވެފައެއް ވެސް ނެތް. އަދި ކާމިޔާބު ވިޔަވެސް ނުދޭނަން،"

ރާއްޖެ ބައިނަލްއަގުވާމީ ދުނިޔޭގައި އެކަހެރިވާނެ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ޝިއާން ވިދާޅުވީ ނަޝީދުގެ މައްސަލައިގެ ސަބަބުން ބޭރުގެ ގައުމުތަކުން ރާއްޖެއާ މުއާމަލާތް ކުރާ ގޮތްތަކަށް އަދި ދޭ އެހީތަކަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ރާއްޖެއިން ކަންކަން ކުރާނީ ވެސް ރާއްޖޭގެ ގާނޫނީ އުސޫލުތަކުގެ ތެރެއިން ގައުމުތަކަށް އިހުތިރާމްކޮށްގެން ކަން ބޭރު ދުނިޔެ އިން ވެސް ގަބޫލު ކުރާ ކަމަށް ޝިއާން ވިދާޅުވި އެވެ. އަދި ރާއްޖެ މި އަންނަނީ އިގްތިސާދީ ގޮތުންނާއި ޓްއަރިޒަމްގެ ދާއިރާގައި ވެސް ކުރިއެރުންތައް ހޯދަމުން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ފެކްޓްސްއަށް ބަލާއިރު އެއްވެސް ކަމަކަށް ބަދަލެއް ނާދޭ. ޓޫރިސްޓް އެރައިވަލް ރަނގަޅު ރިޒާވް ރަނގަޅު. މަޝްރޫއުތައް އެބަ ހިނގާ. އެކަންކަމަށް ބޭރުން އެހީތެރިވޭ. އެހެން ވީމާ މި ގޮތަށް ކުރެވޭ މަސައްކަތުން ރާއްޖެ މުޅިން އެކަހެރިވެއެކޭ ނެތް ދެއްތޯ ބުނެވޭކަށް،" ޝިއާން ވިދާޅުވި އެވެ.