ހަބަރު

އުމަރުގެ ނަމްބަރުން ފޭކް އެސްއެމްއެސްތަކެއް

Oct 6, 2015

ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ތެދުވުމަށް ގޮވާލާ ހޯމް މިނިސްޓަރު އުމަރުގެ ނަމްބަރު ބޭނުންކޮށްގެން ފޭކް އެސްއެމްއެސްތަކެއް ފޮނުވައިފި އެވެ.

އުމަރު ނަސީރުގެ ނަމްބަރުން ފޮނުވާފައިވާ ފުރަތަމަ އެސްއެމްއެސްގައި ބުނެފައި ވަނީ، މިފަދަ ހުތޫރަތްތެރި ދަނޑިވަޅެއްގައި މީޑިއާގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އެދޭ ކަމަށެވެ. އަދި އެއަށް ފަހު އައި މެސެޖްގައި ބުނެފައި ވަނީ ގައުމީ ކަމެއް ކަމަށް ދެކިގެން ނައިބު ރައީސްގެ ކިބައިން މި ގައުމު ސަލާމަތް ކުރަން އިލްތިމާސްކުރައްވާ ކަމަށެވެ.

އެ މެސެޖްތަކާ ގުޅިގެން އުމަރު މިރޭ ވިދާޅުވީ އެއީ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ބަޔަކު އޭނާގެ ނަމްބަރު ބޭނުންކޮށްގެން ކުރި މެސެޖްތަކެއް ކަމަށެވެ. އަދި ާ އެފަދަ އެއްވެސް މެސެޖެއް އެއްވެސް ފަރާތަކަށް ނުފޮނުވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެ އަމަލު ކުށްވެރި ކުރައްވަމުން އުމަރު ވިދާޅުވީ އެފަދަ މެސެޖެއް ފޮނުއްވުމުގެ ބޭނުމެއް ނެތް ކަމަށާއި އެއީ ވަރަށް ފިޑި ބަޔަކު ކުރި އަމަލެއް ކަމަށެވެ.

"އެއީ އަޅުގަނޑު ކުރި މެސެޖެއް ނޫން. މިއީ އަޅުގަނޑުގެ ނަމްބަރު ބޭނުންކޮށްގެން އަޅުގަނޑު ބަދުނާމު ކުރަން ކޮށްފައިވާ ކަމެއް،" އުމަރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އުމަރަކީ ރިޔާސީ ލޯންޗްގެ ހާދިސާއަށް ފަހު ރައީސް އެކުލަވާލެއްވި ހާއްސަ ކޮމިޓީގެ ޗެއާ އެވެ. އެ މައްސަލައިގައި ފުލުހުން ކުރާ ތަހުގީގަށް ސިފައިންގެ ފާސްކޮށް ބަނޑިގުދަނުގެ އެކްސެސް އޮންނަ ސިފައިންގެ ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި ނައިބު ރައީސްގެ ދެ ބޮޑީގާޑަކު ވެސް ވަނީ ސިފައިންގެ މަސްއޫލިއްޔަތުތަކުން އެއްފަރާތްކޮށްފަ އެވެ.