ޖުމްހޫރީ ޕާޓީ

ގާސިމްގެ ދެކަނބަލުންނަށް ފުރައްސާރަކުރުން ކުށްވެރިކޮށްފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަނބިކަނބަލުން އައިޝަތު ނަހުލާއަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްތަކެއް ކޮށްފައިވާތީ އެކަން އެޕާޓީން ކުށްވެރިކޮށްފި އެވެ.

ރަށެއްގައި އީދު ކުޅިވަރުގެ ތެރެއިން ގާސިމް އިބްރާހިމްގެ މޫނު ސިފަވާގޮތަށް ހަދާފައިވާ މާސްކަކާއި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މޫނު ސިފަވާގޮތަށް ހަދާފައިވާ މާސްކެއް އަޅައިގެން އުޅޭ މަންޒަރުތަކެއް ވަނީ އާންމުވެފައެވެ. އެނގިފައިވާ ގޮތުގައި މިއީ ރ. މީދޫގައި އީދު ފާހަގަ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ. އެޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަނބިކަނބަލުން އައިޝަތު ނަހުލާއަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

"އީދަކީ ވަރަށް ހާއްސަ މުނާސަބަތެއް. މިފަދަ މުނާސަބަތެއްގައި މިފަދަ ގޮތަކަށް ވަކި ބަޔަކަށް ފުރައްސާރަ ކުރުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް. ކޮންމެ ފުރައްސާރައަކުން މި އުފެދެނީ ރުޅިވެރިކަމާއި ނަފްރަތު. އެހެންވީމަ އެއްވެސް ފަރުދެއްގެ ޒާތަށް ހުތުރުވާނެ ކަންކަން ކުރުމަކީ ޖޭޕީން ގަބޫލުކުރާނެ ކަމެއް ނޫން،"

އަލީ ވިދާޅުވީ އީދު ކުޅިވަރުގެ ގޮތުގައި ކުޅޭ ކުޅިވަރުތައް ކައުންސިލުން ބަލާ މޮނިޓާ ކުރަން ޖެހޭނެ ކަމަށެވެ.