ދުނިޔެ

ބާރުގަދަ ގޮވުމެއް، ލުބުނާން ނުރައްކަލުގައި

Aug 4, 2020

ލުބުނާނުގެ ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައިފި އެވެ.

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. ބޭރުގެ ނޫސް އެޖެންސީތަކުން ބުނާ ގޮތުގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ ބެއިރޫތުގެ ޕޯޓްގަ އެވެ. ނަމަވެސް އެ ގައުމުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.

އަދި ބާރުގަދަ ގޮވުމެއް ގޮވި ސަބަބެއް ވެސް ވަނީ ސާފުވާ ގޮތް ނުވެއެވެ.

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން ދުނިޔޭގެ ވަރުގަދަ ނިއުސް ޗެނަލްތަކުން މިހާރު ދަނީ ހާއްސަ ލައިވް ކަވަރޭޖްތައް ގެނެސް ދެމުންނެވެ. ހުރިހާ މީޑިއާތަކުންވެސް ވަނީ ލުބުނާނު ސަރުކާރުގެ ރަސްމީ ކޮމެންޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ބުނެފައެވެ.

ނަމަވެސް ބާރުގަދަ ގޮވުމާއި ގުޅިގެން އެތައް ސަތޭކަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެއެވެ. އަދި ގިނަ އިމާރާތްތަކަކަށް ގެއްލުންވެ، އެތައް ސަތޭކަ ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.