ހަބަރު

ބެއިރޫތުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ ފޮނުވައިފި

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އިއްޔެ ބާރުގަދަ ގޮވުންތަކާއެކު އައި ހިތާމަވެރި ހާދިސާތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ބެއިރޫތުގައި ބާރުގަދަ ގޮވުންތަކެއް އިއްޔެ ގޮވާ އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެފައިވެ އެވެ. މި ހާދިސާ އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އޮތީ ލުބުނާނާއެކުގައި ކަމަށާއި އެ ހާދިސާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އާއިލާއެކު ރާއްޖެ އޮތް ކަމަށެވެ.

ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ހިނގި ހާދިސާގައި އެ ސިޓީއާ ދުރުގައި ހުރި ތަންތަނަށާއި އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެ ހާދިސާގައި މިހާތަނަށް 78 މީހަކު މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައި ވެ އެވެ. އަދި 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ދަނީ ފަރުވާ ދެމުންނެވެ. މި އަދަދުތައް އިތުރުވާނެ ކަމަށްވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ލުބްނާންގެ ބޮޑުވަޒީރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގެ ވެއާ ހައުސް އެއްގައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށެވެ. އަދި އެ ތަކެތި އެތަނުގައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށްވެސް ވެ އެވެ.

އެމޯނިއަމް ނައިޓްރޭޓް އަކީ ގަސްކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުންކުރާ މާއްދާއެކެވެ.