ދުނިޔެ

ލަންކާ އާއްމު އިންތިހާބުގައި ވޯޓުލުން ކުރިއަށް

Aug 5, 2020

ކޮލޮމްބޯ (އޯގަސްޓް 5) - ކޮވިޑް-19 އާ ގުޅިގެން ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރި ކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ސްރީލަންކާގެ އާއްމު އިންތިހާބުގައި ވޯޓުލުން މިއަދު ފަށައިފި އެވެ.

ގާތްގަނޑަކަށް 16 މިލިއަން މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު، މިއަދު ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުތަކުގެ ދޮށުގައި، ގައިދުރުކުރުމުގެ ފިޔަވަޅުތަކާއެކު ގިނަ ބަޔަކު ވަނީ ކިއޫ ހަދައިފަ އެވެ.

އެގޮތުން، 7،400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 196 ގޮނޑިއަކަށް ވާދަކުރާއިރު، ބާކީ 29 ގޮނޑިއަށް މެންބަރުން ކަނޑައަޅާނީ ނަތީޖާ އަންނަ ގޮތަށް ބެލުމަށްފަހު އެވެ.

ލަންކާގައި އާއްމު އިންތިހާބެއް ބާއްވަން ޖެހުނީ ރައީސް ގޮތާބޭ ރާޖަޕަކްސަ، މާޗް ދެވަނަ ދުވަހު ޕާލަމަންޓު އުވާލައި، އާ އިންތިހާބެއް ބޭއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން، ފުރަތަމަ އޭޕްރީލް 25 ވަނަ ތާވަލުކުރި އިންތިހާބު ކޮވިޑް-19 އާ ގުޅިގެން ފަސް ކުރަން މަޖޫބުރުވީ އެވެ.

ކޮވިޑާ ހެދި އާއްމު އިންތިހާބު ނުބޭއްވި ދިގު ލައިގެން ދިއުމުގެ ސަބަބުން، ދުސްތޫރީ ހުސް ކަމެއްގެ ތެރެއަށް ލަންކާ ވެއްޓިފައިވާ ކަމަށް އެ ގައުމުގެ އިދިކޮޅުން ދަނީ ބުނަމުންނެވެ.

ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމަންޓެއް އުވާލާތާ ގިނަ ވެގެން ތިން މަސް ދުވަހުގެ ތެރޭގައި އާ އާއްމު އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. ގާނޫނު އަސާސީ ގައި ބުނާ މުއްދަތު ވަނީ މި މަހު ދެވަނަ ދުވަހު ހަމަވެފަ އެވެ.

އެކަމާ ގުޅިގެން، ރައީސްގެ ނިންމުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ދުސްތޫރީ މައްސަލަ، ސުޕްރީމު ކޯޓުން ވަނީ ބޭރު ކޮށްލައިފަ އެވެ.