ދުނިޔެ

ބެއިރޫތު: ތަހުގީގަށް ޕޯޓް އޮފިޝަލުން ގޭ ބަންދަށް

Aug 5, 2020

ލެބަނާނު (އޯގަސްޓް 5) - ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އިއްޔެ ބާރުގަދަ ގޮވުންތަކާއެކު ގިނަ ބަޔަކު މަރުވެފައިވާއިރު، އެ ހާދިސާ ތަހުގީގު ކުރެވެންދެން، އެ ސިޓީގެ ޕޯޓް އޮފިޝަލުން ގޭބަންދުގައި ބައިތިއްބަން ކެބިނެޓުން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިއްޔެގެ ހާދިސާގައި އެ ސިޓީއާ ދުރުގައި ހުރި ތަންތަނަށާއި އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެ ހާދިސާގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މީހަކު މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައި ވެ އެވެ. އަދި 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ދަނީ ފަރުވާ ދެމުންނެވެ. މި އަދަދުތައް އިތުރުވާނެ ކަމަށްވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގެ ވެއާ ހައުސް އެއްގައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށެވެ. އަދި އެ ތަކެތި އެތަނުގައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށްވެސް ވެ އެވެ.

އެމޯނިއަމް ނައިޓްރޭޓް އަކީ ގަސްކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުންކުރާ މާއްދާއެކެވެ.

ބާރުގަދަ ގޮވުމާއެކު ލެބަނާނުގެ ޕޯޓު ސަރަހައްދު އެކީގައިހެން ވަނީ ބިމާ ހަމަވެފަ އެވެ.

އެތަކެތި ގުދަންކޮށްފައިހުރީ ރައްކާތެރިކަމުގެ އުސޫލުތަކާ ހިލާފަށް ކަމަށް ތުހުމަތު ކުރެވެމުންދާއިރު، ހާދިސާގެ ތަހުގީގަށް ޕޯޓުގެ އޮފިޝަލުން ގޭބަންދުގައި ބޭތިއްބުމަށް ނިންމި ނިންމުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެކަމަށް ބެލެވެ އެވެ.

ބަންދުކުރަނީ ކިހާ އަދަދެއްގެ އޮފިޝަލުންކަމެއް އަދި ކަށަވަރުނުވާއިރު، އެ މީހުން ގޭބަންދުގައި ބައިތިއްބަނީ ސިފައިންގެ ބެލުމުގެ ދަށުންކަމަށް ރޮއިޓާސް ނޫހުން ވަނީ ބުނެފަ އެވެ.

ކުރިއަށްއޮތް ދެ ހަފްތާގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ސަރުކާރުން މަޝްވަރާކުރަމުންދާއިރު، ގޮވުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ.

އެ ހާދިސާގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތައް ނުކުޅެދިފައިވާއިރު، 100 އަށް ވުރެ ގިނަ މީހުން ވީތަނެއް ނޭނގިގެން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ ހާދިސާގެ ފުރިހަމަ އަދި މިނިވަން ތަހުގީގެއް ކުރުމަށްފަހު، އިހުމާލުވެފައިވާ ފަރާތެއްވާނަމަ، އެންމެ ހަރުކަށި އަދަބު ދޭނެކަމަށް ބެއިރޫތުގެ ރައީސް ވަނީ ޔަގީކަން ދެއްވައިފަ އެވެ.