ދުނިޔެ

ލަންކާ އާއްމު އިންތިހާބުގެ ނަތީޖާ މިއަދު

Aug 6, 2020

ކޮލޮމްބޯ (އޯގަސްޓް 6) - އިއްޔެ ބޭއްވި ސްރީލަންކާގެ އާއްމު އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ ޗެއާމަން މަހިންދަ ދޭޝަޕްރިޔަ ވިދާޅުވީ، ވޯޓު ގުނުމުގެ މަސައްކަތް މިއަދު ހެނދުނު ލަންކާ ގަޑިން 9:00 ފެށިފައިވާ ކަމަށެވެ. އަދި މިއަދުގެ މެންދުރެއްހާއިރު ނަތީޖާތައް އިއުލާނުކުރަން ފަށާއިރު، ޖުމްލަ ނަތީޖާ މިރޭ ދަންވަރު އާއްމު ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރި ކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، މާބޮޑު ހަމަނުޖެހުމެއް އެއްވެސް ސަރަހައްދަކުން ރިޕޯޓު ކޮށްފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 16 މިލިއަން މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލާން ނުކުމެފައިވަނީ 71 ޕަސަންޓް މީހުން ކަމަށް ދޭޝަޕްރިޔަ ވިދާޅުވި އެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިހާބުގައި އެ އަދަދު ހުރީ 77 ޕަސަންޓުގަ އެވެ.

ލަންކާގައި އާއްމު އިންތިހާބެއް ބާއްވަން ޖެހުނީ ރައީސް ގޮތާބޭ ރާޖަޕަކްސަ، މާޗް ދެވަނަ ދުވަހު ޕާލަމަންޓު އުވާލައި، އާ އިންތިހާބެއް ބޭއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން، ފުރަތަމަ އޭޕްރީލް 25 ވަނަ ތާވަލުކުރި އިންތިހާބު ކޮވިޑް-19 އާ ގުޅިގެން ފަސް ކުރަން މަޖޫބުރުވީ އެވެ.

އެގޮތުން، 7،400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 196 ގޮނޑިއަކަށް ވާދަކުރާއިރު، ބާކީ 29 ގޮނޑިއަށް މެންބަރުން ކަނޑައަޅާނީ ނަތީޖާ އަންނަ ގޮތަށް ބެލުމަށްފަހު އެވެ.

ރައީސް ގޮތާބޭ ރާޖަޕަކްސަގެ ބޭބެ އަދި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އިސްވެ ހުންނަވާ ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕާޓީ (އެސްއެލްއެފްޕީ) އިން އިންތިހާބު ކާމިޔާބުކުރާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި ކާމިޔާބުކުރަން ރައީސް ގޮތަބާ ވަނީ އަމާޒު ހިއްޕަވައިފަ އެވެ.

އެމަނިކުފާނުގެ އަމާޒަކީ، އެ އަދަދަށް ގޮނޑި ކާމިޔާބު ކުރައްވައިގެން 2015 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހު ބާތިލުކުރުމެވެ.

މަހިންދަ ރާޖަޕަކްސްގެ 10 އަހަރުގެ ވެރިކަމަށްފަހު، 2015 ގައި ރައީސްގެ ގިނަ ބާރުތަކެއް ބޮޑުވަޒީރަށާއި އެހެން މުއައްސަސާތަކަށްލިބޭ ގޮތަށް ގެނެވުނު އިސްލާހު ބާތިލުކުރުމަކީ ރައީސް ގޮތާބޭގެ ކެމްޕެއިން ވައުދެކެވެ.

އެކަމަށްޓަކައި، މަދުވެގެން 150 ގޮނޑި ހޯއްދަވަންޖެހިވަޑައިގަންނަވާނެ އެވެ.