ދުނިޔެ

ބެއިރޫތުގެ ގޮވުމާއެކު އާއްމުންގެ ރުޅިގަނޑު ސަރުކާރަށް

Aug 6, 2020

ލުބުނާނު (އޯގަސްޓް 6) - ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މިދިއަ އަންގާރަ ދުވަހުގެ ބާރު ގަދަ ގޮވުންތަކާއެކު އާއްމުންގެ ރުޅި އާއި ފާޑުކިއުން ލުބުނާންގެ ސަރުކާރަށް އަމާޒު ވެއްޖެ އެވެ.

އެ ހާދިސާގައި އެ ސިޓީއާ ދުރުގައި ހުރި ތަންތަނަށާއި އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އަދި މިހާތަނަށް 135 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، 4000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގެ ވެއާ ހައުސް އެއްގައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަކެތި އެތަނުގައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށްވެސް ވެ އެވެ.

އެމޯނިއަމް ނައިޓްރޭޓް އަކީ ގަސް ކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުން ކުރާ މާއްދާއެކެވެ.

ހާދިސާއަށް ފަހު ކޮރަޕްޝަނާއި، ނާގާބިލުކަމާއި، އިހުމާލުގެ އިނގިލިތައް ސަރުކާރުގެ އިތުރުން ކަމާބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ.

އަދި ވީއެންމެ އަވަހަކަށް އެ ހާދިސާ ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގިނަ ބައަކު ދަނީ ގޮވާލަމުންނެވެ. އާއްމުންގެ ފާޑުކިއުންތައް އަމާޒުވުމާއެކު، ކަމާބެހޭ އޮފިޝަލުން ވަނީ އިހުމާލުގެ ތުހުމަތު އެކި އިދާރާތަކަށް އަމާޒުކޮށްފަ އެވެ.

ތަހުގީގަށް މިހާރުވެސް ޕޯޓު އޮފިޝަލުންތަކެއް ގޭ ބަންދު ކޮށްފައިވާއިރު، ގުދަންކޮށްފައި ހުރި ކެމިކަލްތައް ނައްތާލަން ނުވަތަ ވިއްކާލަން އެތަކެއް ފަހަރު މަތިން ކޯޓު އަމުރެއް ހޯދަން މަސައްކަތް ކުރިކަމަށް ޕޯޓުގެ އެންމެ އިސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ބާރުގަދަ ގޮވުމާއެކު ބެއިރޫތު ޕޯޓު ސަރަހައްދު އެކީގައިހެން ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ތިން ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ބެއިރޫތުގެ ގަވަރުނަރު ވަނީ ވިދާޅުވެފަ އެވެ.