ދުނިޔެ

ލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލްއަށް ފުރަތަމަ ފަހަރަށް ނާކާމިޔާބީ

ކޮލޮމްބޯ (އޯގަސްޓް 6) - ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ސިޔާސީ ހަޔާތުގައި ފުރަތަމަ ފަހަރަށް އާއްމު އިންތިހާބެއްގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.

އިއްޔެ ބޭއްވުނު އާއްމު އިންތިހާބުގައި ރަނިލްގެ އިތުރުން އެމަނިކުފާނުގެ އިދިކޮޅު ޔޫއެންޕީގެ މިސްރާބު ވެސް ހުރީ ބޮޑު ނާކާޔިމާބީއާ ދިމާލަށެވެ.

ރަނިލް ވަނީ 1978 ވަނަ އަހަރުން ފެށިގެން އަށް ދައުރު ޕާލިމަންޓުގެ މެންބަރުކަން ކުރައްވައިފަ އެވެ. އެންމެ ފަހުން ބޭއްވުނު އާއްމު އިންތިހާބުގައި އެމަނިކުފާނު ވަނީ ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައިފަ އެވެ. ނަމަވެސް، މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ރަނިލްގެ ޕާޓީ އޮތީ ހަތަރު ވަނައިގަ އެވެ.

ރަނިލް ގެންދަވަނީ 1994 ވަނަ އަހަރުން ފެށިގެން ޔޫއެންޕީގެ ލީޑަރުގެ މަގާމު އަދާކުރައްވަމުންނެވެ. ނަމަވެސް، މިފަހަރު އާއްމު އިންތިހާބާ ދިމާކޮށް އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން، ޔޫއެންޕީގެ އިސް ގިނަ މެންބަރުންތަކެއް ވަނީ އެހެން ޕާޓީއެއް އުފައްދައިފަ އެވެ.

ރަނިލް ވަނީ ތިން ފަހަރެއްގެ މަތިން ލަންކާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އެގޮތުން، ބޮޑުވަޒީރުގެ މަގާމުގައި ރަނިލް ހުންނެވީ 2015 ވަނަ އަހަރެވެ.

ޔޫއެންޕީ އާ ހިލާފަށް އާންމު އިންތިހާބު ރައީސް ގޮތަބަޔާ އާއިި ބޮޑުވަޒީރު އަދި ރައީސް ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ކުރިހޯދައި ކާމިޔާބުކޮށް އެކަން ވަނީ އިއުލާން ކޮށްފަ އެވެ.

ވޯޓުގެ ވަގުތީ ނަތީޖާއިން ހާމަވެފައިވާ ގޮތުގައި މިހާތަނަށް ރާޖަޕަކްސަގެ އެސްއެލްޕީޕީއިން ވަނީ 95 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ކޮވިޑް-19 އިގެ ސަބަބުން ދެ ފަހަރަށް ފަސް ކުރަން ޖެހުނު އާންމު އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން އިއްޔެ ވޯޓުގައި ބައިވެރިވެފައިވެ އެވެ. ލަންކާގެ ސިޔާސީ މައިދާނުގައި މިހާރު އެންމެ ނުފޫޒުގަދަ ރާކްޕަކްސާ އާއިލާގެ ހަތަރު ބޭފުޅަކު ވާދަކުރައްވަ އެވެ.

ލަންކާގެ ޕާލަމެންޓްގައި 225 މެމްބަރުން ތިއްބަވަ އެވެ. ޕާލަމެންޓްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބޭނީ 150 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ. ސްރީލަންކާގެ އިންތިހާބީ ނިޒާމަކީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ނުވަތަ ވޯޓުލިބޭ ނިސްބަތުން ގޮނޑި ލިބޭ ނިޒާމެކެވެ.