ސްރީލަންކާ

ނަމަލް ރާޖަޕަކްސައަށް ތާރީހީ ކާމިޔާބެއް

ސްރީލަންކާ (ކޮލަމްބޯ) -- ސްރީލަންކާގައި އިއްުޔެ ބޭއްވި އާންމު އިންތިހާބުގައި ނަމާލް ރާޖަޕަކްސަ ތާރީހީ ކާމިޔާބެއް ހޯއްދަވައިފި އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ނަމަލް ވަނީ 166090 ވޯޓް ހޯއްދަވާފަ އެވެ. ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މިއީ ލަންކާގެ ތާރީހުގައި ވެސް އާންމު އިންތިހާބެއްގައި ކެންޑިޑޭޓަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އަދި މިއީ ލަންކާގެ ތާރީހުގައި ވެސް ސިޔާސީ ލީޑަރަކަށް ލިބިވަޑައިގެންނެވި އެންމެ ގިނައިން ވޯޓް ލިބުނު ފަހަރެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ނަމާލް ތަމްސީލް ކުރައްވަނީ އާއިލާ ނިސްބަތްވާ ހަމްބަންޓޯޓާ އެވެ.

ލަންކާގެ ކުރީގެ ރައީސް އަދި އައު ދައުރުގައިވެސް ރައީސް ކަމަށް ވަޑައިގަންނަވާނެ މަހިންދަ ރާޖަޕަކްސަގެ ބޭފުޅުންގެ ތެރެއިން ލަންކާގައި އެންމެ މަގުބޫލީ ނަމާލްއެވެ. ނަމާލް އަކީ ލަންކާގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ބޭފުޅެކެވެ.

އަދި ޒުވާން ސިޔާސީ ޝަހުސިއްޔަތުންގެ ތެރެއިން މިވަގުތު ލަންކާގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީވެސް އޭނާއެވެ.

މަހިންދަގެ ވެރިކަން ބަދަލު އައު ސަރުކާރުން ހިންގި ބައެއް ތަހުގީގުތަކާއި ގުޅިގެން ނަމާލް ވަނީ އެކި ފަހަރުމަތިން ހައްޔަރުކޮށް ޖަލުގައިވެސް ބަންދު ކޮށްފަ އެވެ.

ސްރީލަންކާގައި އިއްުޔެ ބޭއްވި އާންމު އިންތިހާބުގައި ކުރި ހޯދާފައިވަނީ ރައީސް ގޮތަބަޔާ އާއިި ބޮޑުވަޒީރު އަދި ރައީސް ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ޕާޓީންނެވެ.

އިންތިހާބުގައި ގުނި ވޯޓްގައި މިހާތަނަށް ގުނި ވޯޓުގެ ވަގުތީ ނަތީޖާއިން ހާމަވެފައިވާ ގޮތުގައި އިރު 98 ގޮނޑިއެއްގެ ނަތީޖާ ސާފުވެ އޭގެ ތެރެއިން 82 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސަގެ އެސްއެލްޕީޕީއިންނެވެ. ރިޔާސީ އިންތިހާބުގައި ގޯޓާބަޔައާ ވާދަ ކުރެއްވި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓަށް ލިބިފައި ވަނީ 23 ގޮނޑި އެވެ. އައިޓީއޭކޭއިން ވެސް ތިން ގޮނޑިއެއްގައި ކާމިޔާބު ހޯދާފައި ވެއެވެ.

ކޮވިޑް-19 އިގެ ސަބަބުން ދެ ފަހަރަށް ފަސް ކުރަން ޖެހުނު އާންމު އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން އިއްޔެ ވޯޓުގައި ބައިވެރިވެފައިވެ އެވެ.