ރައީސް މުހައްމަދު ނަޝީދު

ގާނޫނުއަސާސީ ބިނާވެފައިވަނީ ބަރުލަމާނީ ސިފަތަކަށް: ނަޝީދު

ދިވެހިން މިހާރު ބަލައިގެންފައިވާ ގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފަތައް ހިމެނިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން، ވިޝާމް އެންޑް ކޯގެ ފަރާތުން ކުރިއަށް ގެންދަވާ "ނޮލެޖް އޮން ލޯ އިނިޝިއޭޓިވް" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަކީ ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް ލިޔެވުނު ލިޔުމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކާއި އިހުތިޔާރުތަކެއް ދީފައިވާ ކަމަށެވެ.

"މި ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން އިންތިހާއަށް އެބައޮތް. މި ގާނޫނު އަސާސީއަކީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުއްގައްޔޫމާއި ދެކޮޅަށް ލިޔެވުނު ލިޔުމެއް. އޭގެ ރިއެކްޝަނެއް،" ރައީސް މައުމޫންގެ ޒަމާންވީ ވާދަވެރިޔާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ބޭފުޅެކެވެ. މި އިންޓަވިއުގައިވެސް އެމަނިކުފާނު ވަނީ އެކަން ތަކުރާރު ކުރައްވާފައެވެ. ވިދާޅުވީ ދިވެހިން މިހާރު ބަލައިގެންފައިވާ ގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފަތައް ހިމެނިގެން ކަމަށެވެ.

"މި ގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފާގައި. އެންމެ ފަހު ވަގުތު ވެރިކަމުގެ ނިޒާމު އޮންނަ ގޮތާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އެ ވޯޓް އޭރުގައި އެމްޑީޕީން އޭގެ ނަތީޖާ ބަލައެއް ނުގަނޭ. މި ގާނޫނު އަސާސީ ތަންފީޒުކުރުމަށް ރިޔާސީ ނިޒާމެއްގައި އަޅުގަނޑަށް ލިބުނީމަ ދިމާވި ހުރިހާ ދަށްޗެއް ދިމާވީ. މި ގާނޫނު އަސާސީއަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނު އަސާސީއެއް ނޫން،"

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ދެކޭގޮތުގައި ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެހެން ވިދާޅުވާ ކޮންމެ ފަހަރަކު އެ ވާހަކަތައް ނޫސްތަކުން ނުގެނައުމަށް އެދިވަޑައިގެންނެވިއެވެ. ވަރަށް ގިނައިން އެމަނިކުފާނަށް އެ ވާހަކަފުޅު ވިދާޅުވެވިއްޖެ ކަމަށާ މިހާރު އެއީ އެމަނިކުފާނު ދައްކަވާ ވަރަށް "އާދައިގެ، ފޫހި" ވާހަކަތަކަކަށް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަން ވެރިކަމުގެ ނިޒާމަށް، އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ނިޒާމަކީ ޕާލިމަންޓަރީ ނިޒާމު،"

މިވަގުތު ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހެއް އެބައޮތްތޯ ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހެއް ނެތް ކަމަށެވެ.

"ގާނޫނު އަސާސީއަށް އަވަސް އަވަހަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއް ނޫން،"