ވިޔަފާރި

ކާގޯ ޓާމިނަލްއަށް އުޅަނދު ކައިރިކުރާ ޖެޓީގެ މަސައްކަތް

Aug 9, 2020
3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ، އާ އިންޓަނޭޝަނަލް ކާގޯ ޓާމިނަލަށް އުޅަނދު ކައިރި ކުރާ ޖެޓީގެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މުދާ އަރުވާ ބާލާ ޖެޓީގެ މަސައްކަތް ފަށައި ކުރިއަށް ދެއެވެ. އަދި އެ ކުންފުނިން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ކާގޯ ޖެޓީ ސަރަހައްދުގެ އެއްގަމާއި ބޭރުން ތޮށީ ލުމުގެ ގޮތުން ޝީޓްޕައިލް ކުރުމުގެ މަސައްކަތް ކުރަމުން ދެއެވެ.

އެމްއޭސީއެލް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކާގޯ ޓާމިނަލް ބިލްޑިންގެ މަސައްކަތް ވަނީ ނިމުމަކާ ކައިރިވެފަ އެވެ. އަދި ކާގޯ ޓާމިނަލްގެ ސްޓީލުން ހަދާ އޮނިގަނޑުގެ މަސައްކަތް ވެސް ނިމިފައިވެ އެވެ. އަދި ކުރަމުން ދަނީ ތަނބުތަކަށް ކޮންކްރީޓް އެޅުމާއި ސްޓްރަކްޗާގެ ބޭރުގައި ކުރަން ޖެހޭ މަސައްކަތްތަކެވެ.

ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ އިން ވެގެން ހަދާ މިތަނުގައި މިހާރުގެ ކާގޯ ޓާމިނަލަށް ވުރެ ގިނަ ވަސީލަތްތައް ހުންނާނެ އެވެ. އެ ތަނުގެ ފަޅުން ބޮޑު ބައެއް ހިއްކައި އެ ސަރަހައްދުގައި ކްރޭން ތަކެއް ވެސް ބަހައްޓާނެ އެވެ.

ކާގޯ ޓާމިނަލްގެ ބިންގާ އަޅާފައި ވަނީ ޖަނަވަރީ، 2018 ވަނަ އެވެ.

އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުންޏަށް 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށް ހަވާލު ކޮށްގެނެވެ. އެތާނގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. އަދި ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ބީޔޫސީޖީ ކުންފުނިންނެވެ. މި ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް 2022 ވަނަ އަހަރު ހުޅުވާނެ އެވެ. މި ޓާމިނަލް ހަދަނީ ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.